އާ ޅެންވެރިން ތަޢާރަފްކުރުމުގެ މަގުސަދުގައި ދިވެހި ބަހުގެ އެކަޑެމީން ނެރެމުން އަންނަ ޅެން ފޮތް އަބާރަނައިގެ ތިންވަނަ ޢަދަދު ނެރެފިއެވެ. 
 
29 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ މި ޅެން ފޮތް ނެރެދެއްވީ މީޑިއާ ކައުންސިލްގެ ރައީސް ޢަބްދުލް މުޢީދް ހަސަންއެވެ. މި ފޮތުގައި 19 ޅެންވެރިއެއްގެ ޅެންތައް ހިމަނާފައިވެއެވެ. 
 
ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ފަނަރަވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ޅެންވެރިންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރުފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މީޑިއާ ކައުންސިލްގެ ރައިސް ޢަބްދުލްމުޢީދް ހަސަން ވިދާޅުވީ ދިވެހި ޤައުމު ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން މައުނަވީ ތަރައްޤީއަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާކަމަށެވެ. މިގޮތުން ދިވެހި ބަހާއި އަދަބިއްޔާތު ކުރިއެރުވުމަށް ގިނަ މަސައްކަތްކެއް  ސަރުކާރުން ކުރަމުންދާކަން މުއީދު ފާހަގަކުރެއްވިއެވެ. 
 
"ޅެންވެރިކަމަކީ އުފަންވާއިރު އުފަންވާ ހުނަރެއް ނޫން. އެއީ ތަޢުލީމީ ހަރުފަތްތަކަށްއަރައި އުނގެނި ދަސްކޮށްގެން ޙަސިލްވާ ހުނަރެެއް. މިހާރުގެ ސަރުކާރުންގެންދަނީ ހަމައެކަނި މަދަނީ ބިނާއެއްނޫން ކުރަމުން، މަޢުނަވީ ތަރައްޤީގެ ބިނާވެސް ގެންދަނީ އާރާސްތުކުރަމުންނެވެ. ބަލާލި ކޮންމެ ދިމާލަކުން ތަރައްޤީ ފެންނަމުންދާއިރު، މި ކަންކަމުގެ މައްޗައް ޅެން ހެދުމަކީ ޅެންވެރިން ކުރަންޖެހޭ ކަމެއް" މުއީދް ހަސަން ވިދާޅުވިއެވެ. 
 
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރަޢީސް އަޝްރަފް ޢަލީ ވިދާޅުވީ އައު ޅެންވެރިން އުފައްދާ ޅެންވެރިން އިތުރަށް ކުރިއެރުވުމަށް އެކެޑަމީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނޭކަމަށެވެ. މިގޮތުން ޅެންވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ މީހުން އެއް ހިޔާވަހިކަމެއްގެ ދަށުގައި މަސައްކަތްކުރުމުގެ ފުރުސަތު އެކެޑަމީން ފަހިކޮށްދެއްވާފައިވާނޭކަމަށް އަޝްރަފް ވިދާޅުވި.
 
" ޅެންވެރިން އެކުވެރިކަމާއި އެއްބައިވަންތަ ރޫހެއްގައި މަސައްކަތް ކުރަންޖެހޭ. އެއް ޢަމާޒަކަަށް ވާސިލްވުމަށް ބައިބައިނުވެ މިިކަންކުރަންޖެހޭ. މީގެ ހަވަރަކަށް އަހަރުކުރިން ވިއްސިވިހާލިވެފައިތިބި ޅެންވެރިން މިހާރުވަނީ އެއް ހިޔާވައްސަކަށް ގެނެވިފައި. މިހިޔާވައްސާއި ގުޅޭނި އިންތިޒާމު އެކިގޮތްގޮތުންވަނީ ފަހިވެފައި." އަޝްރަފް ވިދާޅުވިއެވެ. 
 
މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ތުއްތުކުދިންނަށް ހާއްސަކޮށްގެން ދިވެހި އަކުރާއި ފިލި ދަސްކޮށްދިނުމަށް އަމިއްލަ ފަރާތަކުން އުފައްދާފައިވާ ފޮތްބައެއްވެސް ވަނީ ނެރެފައެވެ.