ކޮންސްޓްރަކްޝަން ސިނާއަތް ކުރިއެރުވުމަށްޓަކައި އެ ސިނާއަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކަށް އަމާޒްކޮށްގެން ލޯން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤު ވިދާޅުވީ ރާއްޖޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ސިނާޢަތަކީ ކޮންސްޓްރަކްޝަން ސިނާޢަތް ކަމަށްވުމުން އެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކައި އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އެހީތެރިވުމުގެ ގޮތުން ލޯން ޕްރޮގްރާމެއް މިއަހަރުތެރޭގައި ފަށާނެކަމަށެވެ.
ކޮންސްޓްރަކްޝަން ސިނާޢަތަށް އަލަށް ވަންނަ ކުންފުނިތަކަށް ދިމާވާ ގޮންޖެހުންތައް އެބަހުރި ކަމަށް އަދި ކޮންސްޓްރަކްޝަން ސިނާއަތަށް ހުރި ދަތިތަކާއި ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް، މަސީއާވެސް މަޝްވަރާކޮށްފައިވާ ކަމަށް ތައުފީޤް ވިދާޅުވިއެވެ.
ސަރުކާރުން ގެންދަވަނީ ވިޔާފާރިއެއް ފެށުމަށް ޝައުގުވެރިވާ ފަރާތްތައް އަދި ވިޔަފާރީގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ތަފާތު އެކި ލޯން ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި މި ޕްރޮގްރާމްތަކުގެ ސަބަބުން އަލަށް ވިޔަފާރިއެއް ފަށާފައިވާ ފަރާތްތަކުގެ އަދަދު ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.