ޑެންގީ ހުން ޖެހިގެން މި އަހަރުގެ މިހާތަނަށް 64 ކޭސް ރިޕޯޓް ކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ. މިއީ ފާއިތުވި އަހަރުގެ މިދުވަސްވަރާ އަޅާ ބަލާއިރު އިތުރު އަދަދެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ ރާއްޖޭގައި ޑެންގީ ހުން ހަލުއި ކަމާއެކު ފެތުރޭ ދުވަސްވަރެކެވެ. ޑެންގީ ހުން ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ދާދިފަހުން މަދިރިއަށް ހޭލުންތެރި ކުރުމާބެހޭ ކެމްޕޭނެއް ހިންގާފައެވެ. މީގެ އިތުރުންވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީނައްތާލުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، މިއަހަރު ފާއިތުވި ދުވަސްތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދު ނިސްބަތުން އިތުރުވެފައިވީ ނަމަވެސް ބަލި ފެތުރެމުންދަނީ މުޅި ރާއްޖޭގައި ނޫން ކަމަށާއި ކޭސްތަކުގެ އަދަދު އިތުރުވެފައިވަނީ ވަކި ރަށްތަކެއްގައި ކަމަށެވެ. އެގޮތުން ހ.ދ،ހ.އ އަދި މާލެ ސަރަޙައްދުން ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެޕިޑިމިއޮލަޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ޑެންގީ ހުން ޖެހިގެން މި އަހަރުގެ މިހާތަނަށް 64 ކޭސް ރިޕޯޓް ކޮށްފައިވާކަމަށެވެ. ޑެންގޫ ބަލި ނުވަތަ އެހެންވެސް ބައްޔަށް ގޭގައި ފަރުވާދޭނަމަ ޕެނަޑޯލް،ޕެރެސެޓަމޯލް ނޫން އެހެން އެއްވެސް ބޭހެއް ބޫނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި އެހެނިހެން ބޭސް ބޭނުންކުރާނަމަ ހަށިގަނޑަށް ގެއްލުންވުން އެކަށީގެންވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ޑެންގޫ ހުމުގެ އިތުރުން ކޮންމެ ބައްޔެއް ޖެހުނުނަމަވެސް ގޭގައި ފަރުވާދިނުމުގެ އިތުރުން ބަލި ރަނގަޅު ނުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިއްމު ކަމެއްކަމަށެވެ.
"މިހާތަނަށް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ޑެންގީ ކޭސްތައް ރިޕޯޓް ކޮށްފަ ހުރި ހ.ދ،ހ.އ، މާލެ އާއި ހުޅުމާލެއިން. ޑެންގޫ ބަލީގެ ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ބަނޑުގާ ރިއްސުމާއި ހޮޑުލުމާއި، ވަރުދެރަވުން ލެވޭ ހޮދުގައި ލޭހުރުމާއި ،ނޭފަތުންނާ އަނގައިން ލޭ އައުން ހިމެނޭ. މިފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވާރާ ހޯދުން މުހިއްމު" ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.
ޑެންގީ ހުން އިތުރުވަމުންދާ މިންވަރު ބަލާ ޑެންގީ ފެތުރޭ ރަށްރަށުގައި ޑެންގީ ކޮންޓްރޯލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ލަފާދީ އެހީތެރިކަން ދެމުން އަންނަ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. ޑެންގީ ހުމުން ރައްކާތެރިވުމަށް ގެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާ، ފެން ހުސްކޮށް ސާފުކުރުމާއި ކުނިއަޅަން ހާއްސަ ކުރެވިފައިވާ ތަންތަން ފިޔަވާ އެހެން ތަންތަނަށް ކުނި ނޭޅުމާއި ހަށިގަނޑު ނިވާވާގޮތަށް ހެދުން އަޅާ މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ