ދުނިޔެ

މަތިންދާބޯޓެއް މާބޮޑަށް ތެޅެން ފެށުމުން އަނބުރާ ޖައްސައިފި


އޮސްޓްރޭލިއާގެ ސިޑްނީއިން ފުރައިގެން މެލޭޝިޔާގެ ކުއަލަލަންޕޫރަށް ދަތުރުކުރި މަތިންދާބޯޓެއް މާބޮޑަށް ތެޅެން ފެށުމުން އަނބުރާ ޖައްސައިފިއެވެ.

މެލޭޝިއަން އެއަރލައިންސްގެ ފްލައިޓް އެމް.އެޗް 112 ކުއްލި ޙާލަތުގައި އޮސްޓްރޭލިއާގެ އުތުރުގައި އޮންނަ އެލައިސް ސްޕްރިންގ އެއަރޕޯޓަށް ބުރާސްފަތި ދުވަހު ޖެއްސީ، ސިޑްނީ އެއަރޕޯޓުން ނައްޓާލިތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރެއްހާއިރު ފަހުންނެވެ.

224 ފަސިންޖަރުންނާއެކު ދަތުރުކުރަމުންދިޔަ މަތިންދާބޯޓު އަނބުރާ ޖެއްސީ، ބޯޓަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެންކަމަށް މެލޭޝިއަން އެއަރލައިންސް އިން ބުނެއެވެ. މިގޮތުން ބޯޓުގެ ވާތް ފަރާތު އިންޖީނުން ބާރުގަދަ އަޑެއް ގޮވާފައިވާކަމަށް އެއަރލައިނުން ބުނެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭއިރު، ފަސިންޖަރުންނަށް ނުރައްކާވާ ފަދަ ހާލަތަކަށް ނުދާކަމަށްވެސް މެލޭޝިއަން އެއަރލައިންސް އިން ބުނެއެވެ.

ބޯޓުން ދަތުރުކުރި ބައެއް ފަސިންޖަރުން ބުނާގޮތުން ބާރުގަދަ އަޑެއް އިވުމަށްފަހު، ބޯޓު ވަރަށް ބޮޑަށް ތެޅުނެވެ. އަދި އެވަގުތު ބައެއް ފަސިންޖަރުން ވަރަށް ބޮޑަށް ކަންބޮޑުވެ، ރޮއެ ހެދިކަމަށްވެސް ބައެއް ފަސިންޖަރުން ބުންޏެވެ. އަދި ބޯޓުގައި ތިބި ކެބިން ކުރޫއިންގެ މޫނު މަތިންވެސް ބިރުވެރިކަމާއި ނުތަނަވަސްކަން ފެނުނުކަމަށް ފަސިންޖަރުން ބުންޏެވެ.   

މެލޭޝިއަން އެއަރލައިންސް އިން ވަނީ މިކަމާއި ގުޅިގެން ފަސިންޖަރުންގެ ކިބައިން މަޢާފަށް އެދިފައެވެ. އަދި ރައްކާތެރިކަމާއެކު ބޯޓު އަނބުރާ ޖެއްސުމުން، އެކަމަށްޓަކައި ފަޅުވެރިންނަށް ވަނީ ޝުކުރުއަދާކޮށްފައެވެ.