ދުނިޔެ

ނިއުޒިލެންޑުގެ ބޮޑުވަޒީރަށް ދަރިއަކު ލިބެނީ


ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާރޑޭންއަށް ދަރިއަކު ލިބިވަޑައިގެންނަވަން އުޅުއްވާކަން ޢިއުލާންކޮށްފިއެވެ.

ބަލިވެ އިންނެވިކަން ޢިއުލާންކުރައްވަމުން ނިއުޒިލެންޑުގެ ބޮޑުވަޒީރު ވިދާޅުވީ، ޖޫންމަހު އެކަމަނާއަށް ދަރިއަކު ލިބޭނެކަމަށާއި، އެއަށްފަހު 6 ހަފްތާގެ ޗުއްޓީއެއް ނަންގަވާނޭކަމަށެވެ. ޖެސިންޑާ ވިދާޅުވީ ބަލިވެ އިންނެވިކަން އޮކްޓޫބަރުމަހު އެނގިވަޑައިގެންނެވިކަމަށާއި ނަމަވެސް އެހެން މީހުން ފަދައިން އޭނާވެސް ފުރަތަމަ އެކަން ސިއްރުކުރެއްވީކަމަށެވެ.

މިދިޔަ އޮކްޓޫބަރުމަހު ނިއުޒިލޭންޑުގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވި އުމުރުފުޅުން 37 އަހަރުގެ ޖެސިންޑާ އާރޑޭން ވެވަޑައިގެންވަނީ އިންތިޚާބީ މަޤާމެއްގައި ހުންނަވަނިކޮށް ދަރިއަކު ލިބިވަޑައިގެންނަވާ 2 ވަނަ އަންހެން ލީޑަރެށެވެ.

1990 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ބޭނަޒީރު ބޫއްޓޫއަށް ލިބިވަޑައިގެން އަންހެން ދަރިކަނބަލާއެކު، ބުއްޓޫ ވެވަޑައިގެންނެވީ އިންތިޚާބީ މަޤާމެއްގައި ހުންނަވަނިކޮށް ދަރިއަކު ލިބިވަޑައިގެން ފުރަތަމަ އަންހެން ލީޑަރަށެވެ.