ދުނިޔެ

އިންޓަނޭޝަނަލް ފްލައިޓެއްގެ ތެރެއަށް އަންހެނަކު ވިހައިފި


މިއީ ހަމަގައިމުވެސް ޑޮކްޓަރ ސިޖް ހެމަލް މިދިޔަމަހުގެ 17 ވަނަ ދުވަހު އިންޑިއާއިން އެމެރިކާއަށް ކުރި ދަތުރުމަތީގައި އޭނާއަށް ކުރިމަތިވެދާނެކަމަށް ކުޑަކޮށްވެސް އުއްމީދުކޮށްގެން ހުރިކަމެއް ނޫނެވެ. މުޅި ދުވަހު ދަތުރުކުރުމުގައި ހޭދަކުރަންޖެހުމުން އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ދަތުރު ފުރަތަމަ ފެށީ އިންޑިއާގެ ނިއު ދިއްލީންނެވެ. ފްރާންސްގެ ޕެރިހުގައި މަޑުކުރުމަށްފަހު އޭނާ ތައްޔާރުވަމުންދިޔައީ އެމެރިކާގެ ނިއު ޔޯކަށް ދިއުމަށެވެ. އެއަށްފަހު ހެމަލް ދާނީ އޭނާ މަސައްކަތްކުރާ ކްލިނިކް ހުންނަ ކްލެވަލެންޑަށެވެ.

ނިއުޔޯކަށް ކުރާ ދަތުރުމަތީގައި 27 އަހަރުގެ ޑޮކްޓަރު ބޭނުންވީ އެއްޗެއް ކާލައިގެން ފިލްމެއް ބަލަން އޮވެގެން ނިދާލާށެވެ. ނަމަވެސް އެއްޗެއް ކައި ނުލެވިގެން އުޅެނިކޮށް އޭނާއަށް ފެނުނީ އޭނާ ދަތުރުކުރަމުންދިޔަ އެއަރ ފްރާންސްގެ ފްލައިޓްގެ ކެބިން ކުރޫއެއް ޑޮކްޓަރެއް ހޯދުމަށް އުޅޭ ތަނެވެ. އެހެންކަމުން ހެމަލް އިން ގޮނޑިން ތެދުވެގެން، ކެބިން ކުރޫ ބޭނުންވެގެން އުޅެނީ ކޮން އެހީއެއްތޯ ބެލިއެވެ.

img:http://s4.psmnews.mv/images/660x400/15163701849443.jpg|އަންހެން މީހާ ވިއްސި، ޑޮކްޓަރ ސިޖް ހެމަލް

ވެގެން އުޅުނު ގޮތް ބަލާލުމުން ހެމަލް އަށް އެނގުނީ، އޭނާ ދަތުރުކުރަމުންދިޔަ ފްލައިޓުގައި އިން އުމުރުން 41 އަހަރުގެ މާބަނޑު އަންހެނަކު ބަނޑުގައި ރިއްސާގަނެގެން އުޅޭކަމެވެ. އޭރު މަތިންދާބޯޓު އޮތީ ޔޫރަޕުގެ ގްރީންލޭންޑުގެ ދެކުނު އައްސޭރިފަށުން 35000 ފޫޓު މަތީގައެވެ. އަންހެން މީހާ ބުރަކަށީގައި ރިއްސާކަމަށް ބުނުމުން ހެމަލް ހީކުރީ އެއީ ކިޑްނީ މައްސަލައެއްކަމަށެވެ. ނަމަވެސް އަންހެން މީހާ ބަނޑުބޮޑުކަން އެނގުމުން، އޭނާ އުޅެނީ ވިހަކަން ހެމަލްއަށް ޔަޤީންވިއެވެ.

ފްލައިޓް އެންމެ ކައިރިންވެސް ޖެއްސެން އޮތީ އެމެރިކާގެ މިލިޓަރީ ބޭސްއަކަށެވެ. ނަމަވެސް އެއީ ދެ ގަޑިއިރުގެ ދަތުރެކެވެ. އެހެންކަމުން ބޯޓު ތެރޭގައި ހުރި އެހެން ޑޮކްޓަރަކާއި ޑޮކްޓަރ ހެމަލް ނިންމީ މީހުން މަދުކޮށް އޮތް ބޯޓުގެ ފަސްޓް ކްލާހަށް އަންހެން މީހާ ބަދަލުކޮށް، ވިއްސަންށެވެ.

ޑޮކްޓަރ ހެމަލްއަކީ ޔޫރޮލޮޖިސްޓްއަކަށް ވިޔަސް، މިއީ އޭނާ އަންހެނަކު ވިއްސި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ކިޔަވަން އުޅުނު ދުވަސްވަރު ހަތް މީހަކު ވިއްސިކަމަށްވެއެވެ. ނަމަވެސް އެއީ ފްލައިޓެއްގެ ތެރޭގައެއް ނޫންކަމުން، މިފަހަރު އޭނާއަށް ކުރިމަތިވީ މުޅިން އަދާޔާ ޚިލާފު ޙާލަތެކެވެ.

ވިއްސުމުގެ ކަންކަން ކާމިޔާބުކަމާއެކީ ގޮސް، ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރު ފަހުން އަންހެން މީހާއަށް ފިރިހެން ކުއްޖަކު ލިބުނެވެ.

img:http://s3.psmnews.mv/images/660x400/15163702139503.jpg|އަންހެން މީހާ ވިއްސުމުގެ ކަންތައް ދިޔައީ ވަރަށް ރަނގަޅަށްކަމަށް ޑޮކްޓަރު ބުނި

އަންހެން މީހާ ބުނީ، ހެމަލްއާ މެދު ފުރިހަމަ ޔަޤީންކަން އޮތްކަމަށެވެ. އޭނާ ކަންތައްކުރީ ޑޮކްޓަރު ނުވަތަ ފޫޅުމަޔަކުވެސް މީހަކު ވިއްސާއިރު ކަންތައް ކުރާނެގޮތަށްކަމަށް އަންހެން މީހާ ބުންޏެވެ.

ބޯޓު ޖެއްސުމާއެކު ދެ މައިން ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ހަމަ އެދުވަހު އެ ދެ މައިން ހޮސްޕިޓަލުން ދޫކޮށްލިއެވެ. ހެމަލް ބުނީ އެފަދަ ޙާލަތެއްގައި ގޯސްކޮށްވެސް ކަންތައްތަކެއް ހިނގައިދާނެކަމަށާއި ނަމަވެސް އޭނާ ކަންތައް ކުރީ ކުރެވެން އޮތް އެންމެ ފުރިހަމައަށްކަމަށެވެ.