ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމުކޮށްފައިވާ ފެނަކަ ކޯޕަރޭޝަނުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސްޓޭޝަން މެނޭޖަރުންނަށް ޚާއްސަކޮށްގެން އިންޖިނިއަރިންގ މެނޭޖްމެންޓްގެ ދެވަނަ ކޯސް ފަށައިފިއެވެ.
މި ކޯހަކީ ފެނަކަ ކޯޕަރޭޝަނާއި ބެންކޮކް ސްކޫލް އޮފް މެނޭޖްމެންޓާ ގުޅިގެން ކުރިއަގެންދާ ކޯހެކެވެ. މިފަދަ އިތުރު ކޯހެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ފެނަކައިން ވަނީ ކުރިއަށްގެންގޮސްފައެވެ.
ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ސްޓެލްކޯގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަޙްމަދު ޒުހޫރެވެ.
މި ކޯސް ފެށުމަށް ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި އެކުންފުނީގެ މުވައްޒަފުންނަށް ލިބިފައިވާ ހުނަރު ދެނެގަތުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށާ އެ މަސައްކަތުގެ ސަބަބުން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ އެދާއިރާއިން ހުންނަންޖެހޭ ހުނަރު މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ މިންވަރަށްވުރެ މަދު ކަމަށެވެ.
"އެއީ ވަޒީފާއަށް ހުޅުވާލުމުން އަތޮޅު ތެރެއިން ވަޒީފާއަށް ކުރިމަތިލާފައި ހުރީ އެކަމަށް ބޭނުންވާ ސްކިލްސް ހުރި ފަރާތްތަކެއް ނޫން. އެހެންވުމުގެ ސަބަބުން ގިނަ ރައްރަށަކީ މިފަދަ ވަސީލަތްތައް މިފަދަ ހުނަރުވެރި މަސައްކަތްތެރިން ނުލިބޭ ރައްރަށަށް ވާތީވެ. އެހެންވީމަ އެފަދަ މުވައްޒަފުންވެސް އެބަޖެހޭ ރެކްރޫޓްކުރަން،" އަޙުމަދު ޝަރީފް ވިދާޅުވިއެވެ.
ސްޓޭޝަން މެނޭޖަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ކޯހުގައި ރާއްޖޭގެ ބާރަ ސަރަޙައްދަކުން 35 ސްޓޭޝަން މެނޭޖަރުން ވަނީ ބައިވެރިވެފައެވެ. އަދި މި ކޯހުގައި ކިޔަވާ ދެއްވަނީ ބެންކޮކް ސްކޫލް އޮފް މެނޭޖްމަންޓްގެ ޓްރެއިނާ ޑރ.ޑިޑިއާރ ޑެލެވާލް އެވެ.
ސްޓެލްކޯގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަޙުމަދު ޒުހޫރު ވިދާޅުވީ، އިންޖިނިއަރިންގެ ދާއިރާއިން މެނޭޖަރުން ބައްޓަންވެފައި ތިބެންޖެހެނީ ހަމައެކަނި އިންޖިނިއަރިންގ މެނޭޖްމަންޓްގެ ދާއިރާއިން ނޫން ކަމަށެވެ. އެގޮތުން އެފަރާތްތަކަކީ ޕަބްލިކް މެނޭޖްމެންޓާއި ޕޮލިޓިކަލް މެނޭޖްމެންޓު އަދި އެއް ކަމަކަށްވުރެ ގިނަ ކަންތައްތަކުން އުނގެނިފައި ތިބެންޖެހޭ ބައެއް ކަމަށް ޒުހޫރު ވިދާޅުވިއެވެ.
"ކޮންމެ އިންޖިނިއަރެއް އަދި މެނޭޖަރަކީ އިފެކްޓިވް މީހަކަށް ވާންޖެހޭ. (އިފެކްޓިވްނެސް އިން ދި އޭރިޔާ އޮފް މެނީ އޭރިޔާސް)، އެމީހަކީ އެފިޝިއެންސީ ޑްރައިވް ކުރާ މީހަކަށް ވާންވާނެ. އެމީހަކީ ޓައިމްލިނަސް ގެނެސްދޭ މީހަކަށްވާންޖެހޭ. އެމީހަކީ ރިލައިބިލިޓީ މީހަކަށް ވާންޖެހޭ. އަދި އެމީހަކީ ގަވާނަންސް ސައިޑުގައި ހިފެހެއްޓޭ މީހަކަށް ވާންޖެހޭ،" އަޙުމަދު ޒުހޫރު ވިދާޅުވިއެވެ.
ޖުމްލަ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ކޯސް ކުރިއަށްގެންދާނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސްޓެލްކޯގެ އޮޑިޓޯރިއަމްގައެވެ.