ދުނިޔެ

3 މަސް ވަންދެން ބެންކޮކް އެއަރޕޯޓުގައި ތާށިވެފައި!


ތައިލެންޑުގެ ބެންކޮކް އެއަރޕޯޓުގައި 3 މަސްދުވަސް ހޭދަކުރި ޒިންބާބުވޭގެ ޢާއިލާއެއް އެންމެފަހުން އެޤައުމުން ފުރައިފިއެވެ.

ހަތަރު ކުޑަކުދިންނާއި ހަތަރު ބޮޑު މީހުންގެ މިޢާއިލާ ބެންކޮކަށް އައިސްފައިވަނީ މިދިޔަ މޭމަހުއެވެ. ނަމަވެސް އޮކްޓޫބަރުމަހު އެޢާއިލާ ސްޕެއިނަށް ދާން ފުރަން ދިއުމުން، އެޤައުމަށް އެތެރެވުމަށް ބޭނުންވާ ވިސާ ނެތުމުން ސްޕެއިނަށް ފުރޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން ތައިލެންޑަށް އެޢާއިލާ އެތެރެވި ޓުއަރިސްޓް ވިސާވެސް އޮތީ ހަމަވެފައެވެ. އެހެންކަމުން ތައިލެންޑަށް އަލުން އެތެރެވެވޭކަށް ނެތެވެ. އެމީހުން ބުނަމުންދިޔައީ ޒިންބާބުވޭއަށް ގޮސްފިނަމަ، އެޢާއިލާ ހައްޔަރުކޮށްފާނެކަމަށެވެ. އެހެންކަމުން ޒިންބާބުވޭއަށް ދިއުމަށް ޢާއިލާއިން ދެކޮޅު ހެދިއެވެ.

ތައިލެންޑަކީ ހިމާޔަތް ހޯދާ ފަރާތްތަކާއި ރެފިއުޖީންނަށް ޤާނޫނީ ހައިސިއްޔަތެއް ދޭ ތަނަކަށް ނުވާތީ، ޢާއިލާއަށް އެކަމުގައި ފޯރުކޮށްދެވޭނީ ކޮން އެހީއެއްތޯ ބެލުމަށް ކަމާބެހޭ އިދާރާތަކުން ދިޔައީ މަސައްކަތްކުރަމުންނެވެ. 

img:http://s2.psmnews.mv/images/660x400/15167761502621.jpg|އެއަރޕޯޓުގައި ތާށިވެފައި ތިބި ޒިންބާބުވޭގެ ޢާއިލާގެ މެމްބަރަކާއެކު ތައިލެންޑުގެ ސުވަރނަބޫ އެއަރޕޯޓުގެ އޮފިޝަލުން  

އެހެންކަމުން އެކަމުގައި ހައްލެއް ހޯދެންދެން މިދިޔަ އޮކްޓޫބަރުމަހުން ފެށިގެން އެޢާއިލާ ދިރިއުޅެމުންދިޔައީ، ބެންކޮކްގެ ސުވަރނަބޫ އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ތެރޭގައެވެ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔައީ އެއަރޕޯޓުގެ ސްޓާފުންނެވެ. 

އެންމެފަހުން އެއަރޕޯޓު ތެރޭގައި ތާށިވެފައި ތިބި ޢާއިލާއަށް ބެންކޮކުން ފުރޭ ގޮތްވީ، އދގެ ރެފިއުޖީންނާއި ބެހޭ އިދާރާ، ޔޫއެންއެޗްއާރުސީން އެޢާއިލާއަށް ހިމާޔަތް ދިނުމުންނެވެ.

ތައިލެންޑުގެ އިމިގްރޭޝަނުން ބުނީ ޒިންބާބުވޭއަށް ނިސްބަތްވާ ޢާއިލާ އިއްޔެގެ ވަގުތެއްގައި އެޤައުމުން ފުރާފައިވާކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ނަމަވެސް ތައިލެންޑުގެ އިމިގްރޭޝަނުގެ ބައެއް އޮފިޝަލުންނާއި ހަވާލާދީ ބައެއް ޙަބަރުތައް ބުނާގޮތުން، އެޢާއިލާ ދިޔައީ ފިލިޕީންސްއަށެވެ. ޔޫއެންއެޗްއާރުސީގެ ރެފިއުޖީ ކޭމްޕެއް ފިލިޕީންސްގައި ހުރިނަމަވެސް، އެޢާއިލާ ދިޔައީ ރެފިއުޖީ ކޭމްޕަށްތޯ ނޫނީ ފިލިޕީންސަށް އެތެރެވުމަށްފަހު އިތުރު ޤައުމަކަށް ފުރަނީކަމެއް ނޭނގެއެވެ.

img:http://s3.psmnews.mv/images/660x400/15167761907206.jpg|އެއަރޕޯޓުގައި ތާށިވެފައި ތިބި ޒިންބާބުވޭގެ ޢާއިލާގެ މެމްބަރަކާއެކު ތައިލެންޑުގެ ސުވަރނަބޫ އެއަރޕޯޓުގެ އޮފިޝަލުން

ޔޫއެންއެޗްއާރުސީން ބުނީ ވަކި ވަކި ފަރުދުންނާއި ގުޅޭ މައްސަލަތަކުގެ މަޢުލޫމާތު ހާމަނުކުރާނެކަމަށެވެ.

ޒިންބާބުވޭގެ ޢާއިލާ އެއަރޕޯޓުގައި 3 މަސް ހޭދަކުރިއިރު، މިފަދަ ކަންކަމުގައި މިއަށްވުރެ ގިނަ ދުވަހު އެއަރޕޯޓުތަކުގައި އުޅުނު މީހުންވެސް އެބަތިއްބެވެ. މިގޮތުން ސިޔާސީ މައްސަލައަކާ ހެދީ ޢީރާނުގެ މީހަކު ސްޕެއިންގެ އެއަރޕޯޓެއްގެ ޑިޕާރޗަރ ހޯލުގައި 18 އަހަރު ހޭދަކުރިއެވެ. އޭނާ ވަނީ 1988 ވަނަ އަހަރުގެ އޮގަސްޓުމަހުން ފެށިގެން 2006 ވަނަ އަހަރުގެ ޖުލައިމަހާ ހަމައަށް އެއަރޕޯޓުގައި ދިރިއުޅެފައެވެ.