ޚަބަރު

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ހޮންގ ކޮންގަށް


ހޮންގކޮންގ އާއި ދިވެހިރާއްޖެއާ ދެމެދު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެންމެ ފަހުގެ މަޝްވަރާތަކަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ހޮންގކޮންގ އަށް ފުރާވަޑައިގެންފިއެވެ. ހަތަރު ދުވަހަށް މިނިސްޓަރ ހޮންގްކޮންގަށް ކުރައްވާ މިދަތުރުފުޅުގައި ހޮންގްކޮންގެ ކަމާއި ގުޅުންހުރި ބޭފުޅުންނާއިއެކު ފުޅާދައިރާއެއްގައި މަޝްވަރާކުރައްވާނެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ރާއްޖެއާއި ހޮންގްކޮންގާއި ދެމެދު ރަސްމީކޮށް ފެށީ ދެވާސް ސޯޅަވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގަ. ހޮންގް ކޮންގާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުން ރާއްޖެއަށް އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން ހޮންކް ކޮންގާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ އެންމެ ފަހުގެ މަޝްވަރާތައް ފަށާފައިވާއިރު، ހުސްވިމަހު ރާއްޖެއިން ވަނީ ޗައިނާއާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެެވެ. މިއީ އެހެން ގައުމަކާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.