ދުނިޔެ

ރެސްޓޯރަންޓް ބިލަށް 1000 ޔޫރޯ އެރުމުން މައްސަލަ ހޫނުވެއްޖެ


އިޓަލީގެ ވެނިސްގެ ރެސްޓޯރަންޓަކުން ޚިދުމަތް ހޯދި ބައެއްގެ އަތުން މާގިނައިން ފައިސާ ނެގި މައްސަލަ ބަލާނެކަމަށް ވެނިސްގެ މޭޔަރ ވިދާޅުވެއްޖެއެވެ.

މިދިޔަ އާދީއްތަދުވަހު މިމައްސަލަ ފެންމަތިވީ، ވެނިސްގެ ރެސްޓޯރަންޓަކުން ކެއި ޖަޕާނުގެ ދަރިވަރުންތަކެއްގެ އަތުން ހާހަކަށްވުރެ ގިނަ ޔޫރޯ ނެގި މައްސަލަ، ރަސްމީކޮށް ރިޕޯޓް ކުރުމުންނެވެ. އެމީހުން ބުނާގޮތުން އެމީހުން ނެގީ، ތެއްލި މަސް ތައްޅަކާއި ހަތަރު ބީފް ސްޓޭކްއާއި ވައިން ފުޅިއެކެވެ. އަދި އެމީހުން ނެގި ތަކެތީގެ ބިލަށް 1100 ޔޫރޯ (20865 ރުފިޔާ) އެރިކަމަށް ދަރިވަރުންތައް ބުނެއެވެ.

ވެނިސްގެ މޭޔަރ ވަނީ މިއީ ލަދުވެތި އަމަލެއްކަމަށް ސިފަކޮށް، މިމައްސަލަ ވަރަށް ސީރިއަސްކޮށް ބެލުމަށްފަހު، ކުށްވެރިވާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.

img:http://s3.psmnews.mv/images/660x400/15167800628473.jpg|ބީފް ސްޓޭކް

ޙަބަރުތައް ބުނާގޮތުން މިކަން ހިނގި ރެސްޓޯރަންޓުގެ ވެރި ފަރާތަކީ ޗައިނާ މީހެކެވެ. އަދި އެތަން ހިންގަނީ މިސްރު މީހެއްކަމަށްވެއެވެ. އެކަމާއި ގުޅޭގޮތުން ރެސްޓޯރަންޓުގެ ވެރި ފަރާތާއި ސުވާލުކުރުމުން، އެފަދަ ކަމެއް ނުހިނގާކަމަށް އޭނާ ބުނިކަމަށް ޙަބަރުތައް ބުނެއެވެ.

ވެނިސްގެ ރެސްޓޯރަންޓްތަކުން ޚިދުމަތް ހޯދާ ފަތުރުވެރިންގެ އަތުން ގިނައިން ފައިސާ އަތުލުމަކީ ޢާއްމުކަމެއްކަމަށްވެއެވެ. މިދިޔަ ނޮވެމްބަރުމަހުވެސް އިނގިރޭސި ޢާއިލާއެއްގެ އަތުން މިގޮތަށް ފައިސާ ނަގައިގެން، އެކަމުގެ ޝަކުވާ ވެނިސްގެ މޭޔަރާ ހަމައަށް ވަނީ ގޮސްފައެވެ.

ވެނިސްގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއަކުން ބުނީ، މިފަދަ ކަންކަމަށް ފަތުރުވެރިން ހޭލުންތެރިކުރުމަށް މިހަފްތާގައި ޚާއްސަ ކެމްޕެއިނެއް ފަށާނެކަމަށެވެ.