ދުނިޔެ

ޖަރުމަނުގެ ހަރުކަށި ސިޔާސީ ލީޑަރަކު އިސްލާމްވެއްޖެ


ޖަރުމަންވިލާތުގައި މުސްލިމުންނާ ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުލާ ސިޔާސީ ޕާޓީއަށް ނިސްބަތްވާ އިސްބޭފުޅަކު އިސްލާމްވެއްޖެއެވެ.

ޖަރުމަންވިލާތުގެ، އެލްޓަނޭޓިވް ފޮރ ޖަރމަނީ، އޭ.އެފް.ޑީއަށް ނިސްބަތްވާ، އުމުރުން 48 އަހަރުގެ އާތޫރު ވެގްނަރ އިސްލާމްވުމަށްފަހު އޭނާ އަދާކުރަމުންދިޔަ މަގާމުތަކުން ވަނީ އިސްތިއުފާދެއްވާފައެވެ. އެކަމާ ގުޅޭގޮތުން އޭނާއާ ސުވާލުކުރުމުން، އެއީ އޭނާގެ އަމިއްލަކަމެއްކަމަށް ބުނެ، މީޑިއާއާ ވާހަކަދެއްކުމަށް ވަނީ ދެކޮޅު ހަދާފައެވެ. އޭ.އެފް.ޑީގައި އާތޫރު ވެގްނަރ އަދާކުރަމުންދިޔައީ ދީނީ އަދި ކްރިސްޓިއަން ފައްޅިތަކާއި ގުޅޭ މަސައްކަތްތަކެވެ.

ވެގްނަރ އިސްލާމުވުމާއި ގުޅިގެން އޭ.އެފް.ޑީ ޕާޓީގެ ތަރުޖަމާނަކު ބުނީ، އޭނާ އިސްލާމްވެގެން ޕާޓީއަށް އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި ދީނީ މިނިވަންކަމަކީ ޖަރުމަނުގައި ކަށަވަރުކޮށްދީފައިވާ ހައްޤަކަށްވާތީ، މުސްލިމުންނަށްވެސް އެޕާޓީގައި އުޅެވޭނެކަމަށް އޭނާ ބުންޏެވެ.

img:http://s4.psmnews.mv/images/660x400/15168701962064.jpg|އޭ.އެފް.ޑީ ޕާޓީން މުސްލިމުންނާ ދެކޮޅު ޕޯސްޓަރުތަކެއް ހަރުކުރަނީ

ޖަރުމަންވިލާތުގެ އެލްޓަނޭޓިވް ފޮރ ޖަރމަނީ، އޭ.އެފް.ޑީއަކީ މުސްލިމުންނަށާއި ރެފިއުޖީންނަށް އެޤައުމުގައި ޖާގައެއް ނެތްކަމަށް ބުނެ، އަބަދުވެސް އަޑުއުފުލަމުންދާ ބައެކެވެ. މިދިޔަ އަހަރު ބޭއްވި ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައިވެސް އެޕާޓީން ގެންގުޅެފައިވަނީ މުސްލިމުންނާއި ރެފިއުޖީންނާ ދެކޮޅު ޝިޢާރުތަކެވެ. މީގެ އިތުރުން މިސްކިތް ޢިމާރާތްކުރުމާއި މިސްކިތްތަކުގެ ބޭނުންކުރުން މަނާކުރުމަށްވެސް އެޕާޓީން ދަނީ ގޮވާލަމުންނެވެ.

އެޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އިސްލާމުންނާދެކޮޅަށް ކުރި ޕޯސްޓްތަކަކާ ގުޅިގެން، އޭނާގެ ފޭސްބުކް އަދި ޓްވިޓަރ އެކައުންޓްވެސް ވަނީ ބްލޮކްކޮށްފައެވެ.