ތަރައްްޤީ

މިއަދަކީ ދުނިޔޭގެ ކަސްޓަމްސް ދުވަސް


މިއަދަކީ ދުނިޔޭގެ ކަސްޓަމްސް ދުވަހުގެ ގޮތުގައި ފާހަގަކުރަ ދުވަހެވެ. 

ކޮންމެ އަހަރެއްގެވެސް ޖެނުއަރީމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކަސްޓަމްސް ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާ އުފެދުނި 1947 ވަނަ އަހަރެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެޖަމްޢިއްޔާގެ މަސައްކަތްތައް ފެށުނީ 1953 ވަނަ އަހަރެވެ.

ބައިނަލްއަޤްވާމި ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާގެ ފަރާތުން ޚާއްޞަ ޝިޢާރެއް ވަނީ ކަނޑައަޅާފައެވެ. މިފަހަރުގެ ޝިޢާރަކި، "އިގްތިސާދީ ތަރައްޤީ އަށްޓަކައި ވިޔަފާރިއަށް ރައްކާތެރި މާހައުލެއް" މި ޝިޢާރެވެ.

މިޝިޢާރުގެ ދަށުން ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާއިން މިފަހަރު ވަނީ، ޚާއްޞަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 13 ފަރާތަކަށް އެ  ޖަމްޢިއްޔާގެ މެރިޓް ސެޓްފިކެޓް ދިނުމަށް ނިންމާފައެވެ. މި ސެޓްފިކެޓް ދިނުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި، ކަސްޓަމްސް ގެ އޮންލައިން ނިޒާމްތައް ތަރައްޤީކޮށް ރިސްކް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ރައްކާތެރި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައިވާ މިންވަރާއި، މަސްތުވާ ތަކެއްޗާއި އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވުމަށް ހިއްސާ ކޮށްފައިވާ މިންވަރާއި، މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ހިންގޭ ލޯކަލް އަދި އިންޓަރނޭޝަނަލް އޮޕަރޭޝަން ތަކުގައި އަދާކޮށްފައިވާ ދައުރާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ގެންނަ މުދާ އަވަހަށް ކްލިއަރ ކުރެވޭނެ އިންތިިޒާމް ހަމަޖެއްސުމުގައި އަދާ ކޮށްފައިވާ ދައުރު އަދި އިންޓަނޭޝަނަލް ސްޓޭންޑަޑްސް އެންޑް ބެސްޓް ޕްރެކްޓިސް އަށް އެލައިން ކުރުމަށް އެކިއެކި ޚިދުމަތްތައް ތަޢާރަަފް ކުރުމަށް ކޮށްފައިވާ މަސައްކަތް ހިމެނެއެވެ.

ބައިނަލްއަޤްވަމީ ކަސްޓަމްސް ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖޭގެ ކަސްޓަމްސުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިއީ ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް މިއަދު ވަރަށްބޮޑަށް ފާހަގަކުރަމުން އަންނަ ކަމެކެވެ.

ރާއްޖޭގެ ކަސްޓަމްސްގެ ޚިދްމަތާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް ވިދާޅުވީ، ޞަރަޙައްދީ ގިނަ ޤައުމުތަކާއި އަޅާބަލާއިރު މުދާ ގެނައުމުގައި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޕްރޮސެސިން އަވަސްވާނެ ކަމަށެވެ.

މިގޮތުން ޚާއްޞަ ހުއްދައެއްގެ ދަށުން ގެންނަންޖެހޭ މުދަލެއް ފިޔަވައި ޢާއްމު ކޮންމެ މުދަލެއް ގެންނައިރު، ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ޢަދަދު، މި ޞަރަޙައްދުގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު މަދުވާނޭކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މުދާ ގެންނަ ފަރާތުން ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ކަރުދާހުގެ ގޮތުގައި ހުށަހަޅަން ނުޖެހުމަކީ ފާހަގަކޮށްލަން ޖެހޭ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

" މިފަހަކުން ދުބާއީގެ ކަސްޓަމްސް އާއި އިމިގްރޭޝަން ބޭފުޅުން މިތަނަށް ވަޑައިގަތް. ކަސްޓަމްސްގެ ކަންކަން ބައްލަވާފައި އެބޭފުޅުން ފާހަގަކުރެއްވި ގޮތުގައި އަޅުގަނޑުމެންގެ ސްޓާފުންގެ، އޮފިސަރުންގެ ޓެކްނިކަލް އެކްސްޕަޓީސް، މި ޞަރަޙައްދުގެ ޤައުމުތަކާ، ނުވަތަ ދުބާއީ ތަންތަނާ އަޅާކިޔާލެވޭ. ނުވަތަ އެއަށްވުރެ ރަނގަޅުކަމަށް އެބޭފުޅުން ފާހަގަކުރެއްވި. އޭގެ އިތުރަށް އަޅުގަނޑުމެން މަސައްކަތްކުރާ އިތުރު ސިސްޓަމްތައް އެތެރޭގަ ޑިވެލޮޕް ކުރެވޭވަރުވެސް މި ޞަރަޙައްދުގެ ޤައުމުތަކާ އަޅާބަލާއިރު، މާބޮޑުތަންވެސް ރަނގަޅު" ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވިއެވެ.

ކަސްޓަމްސުން ދޭ ޚިދުމަތްތައް ފުޅާކޮށް ޒަމާނީކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިމްޕޯޓް އެކްސްޕޯޓް މުދަލާގުޅޭގޮތުން މުޢާމަލާތްކުރަންޖެހޭ ހުރިހާ މުއައްސަސާތައް ގުޅުވާލަދޭ އޮންލައިން ނިޒާމްކަމަށްވާ ނޭޝަނަލް ސިންގަލް ވިންޑޯ ޤާއިމްކުރުމުގެ މަސައްކަތެވެ.

ރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ފެށި ތާރީހަށް ބަލާއިރު، ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ދިނުމަށް އެންމެފުރަތަމަ އޮފީހެއް ޤާއިމްކޮށްފައިވަނީ، 1890 ވަނަ އަހަރެވެ. 

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަރލްޑް ކަސްޓަމްސް އޮގަނައިޒޭޝަނާ ގުޅިފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 8 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަކީ އެޖަމިއްޔާގެ 139 ވަނަ މެމްބަރު ޤައުމެވެ.