ކުޅިވަރު

"ވިކްޓްރީ އަނބުރާ މަޤާމަށް ގެންދިއުމުގެ ފެށުން މިއަހަރު ފެންނާނެ"


މިސީޒަންގައި ފެނިގެންދާނީ ވިކްޓަރީ އަލުން އަނބުރާ ކުރީގެ މަޤާމަށް ގެނުމަށް ކުރޭވޭ މަސައްކަތުގެ ފެށުން ކަމަށް ޗެއަރމަން މުޙައްމަދު ނަޒީމް ވިދާޅުވެއްޖެއެވެ. 

އާސީޒަނަށް ކުލަބާ ގުޅުނު ކުޅުންތެރިން މީޑިޔާއަށް ތައާރަފުކުރުމަށްފަހު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާމަން އިބްރާހިމް ނަޒީމް ވިދާޅުވީ ދުރާލާ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ވިކްޓަރީ ފެށިކަމަށާއި، ޓީމަށް ދިމާވި އެންމެބޮޑު މައްސަލައަކީ ފައިސާގެ ދަތިކަންކަމަށެވެ. ނަޒީމް ވިދާޅުވީ ފާއިތުވި އަހަރު ދިމާވި ކަންތައްތަކުން އިބުރަތް ހާސިލްކޮށް، އަމާޒަކީ ކުޅުންތެރިންނަށް ޤަވާއިދުން މުސާރަ ލިބޭނެ ހަރުދަނާ އޫސުލްތަކެއް ކުލަބުން ރޭވުންކަމަށެވެ.

" އަޅުގަނޑުމެން މިއަހަރުގެ ސީޒަނަށް ތައްޔާރުވުމަށްޓަކައި ދުރާލާ މަސައްކަތް ފަށައިފިން. އަޅުގަނޑުމެންގެ އަމާޒަކީ ވިކްޓަރީގެ ކުރީގެ މަޤާމަށް އަލުން ގެންދިޔުން. އިރާދަކުރެއްވިއްޔާ މިސީޒަންގައި ފެނިގެންދާނީ އެމަސައްކަތުގެ ފެށުން."

ވިކްޓަރީން ވަނީ މިސީޒަނަށް ޓީމް ވަރުގަދަކުރަން އަލަށް ބާރަ ކުޅުންތެރިން ގެންގޮސްފައެވެ. ނަޒީމް ވިދާޅުވީ ސީޒަން ފެށުމުގެ ކުރިން އިތުރު ދިވެހި ހަތަރު ކުޅުންތެރިޔަކު ޓީމާ ގުޅޭނެކަމަށާއި، އޭގެއިތުރުން ބިދޭސީ ރަނގަޅު ތިން ކުޅުންތެރިން ޓީމުން ފެންނާނެކަމަށެވެ. ހަންގޭރީގެ ލާސްލޯ ކިސްއާއެކު ވިކްޓަރީން ޕްރެކްޓިސް ފެށުމަށް ހަމަޖެހިފަވަނީ މާދަމާއެވެ.

 މިދިޔަ ސީޒަން ވިކްޓްރީ ފެށީ ގިނަ އަދަދެއްގެ މޮޅު ކުޅުންތެރިންނާއެކުއެވެ. ނަމަވެސް މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުޞަތު ނުލިބި އެޓީމް ސީޒަން ނިންމާލިއެވެ. އެފްއޭކަޕްގައި އެޓީމް ބައިވެރިއެއްވެސް ނުވިއެވެ. މިސީޒަންގައިވެސް ކުޅުންތެރިން ހޯދާ އެކަން އެންމެ ފަހުން އިއުލާންކުރި ޓީމަކީ ވިކްޓްރީއެވެ.

މިއަހަރު ވިކްޓްރީން ފެންނާނެ މުޙިއްމު ކުޅުންތެރިންގެ ތެރޭގައި ޑިފެންޑަރ ޝާފިއު އަހުމަދާއި، ކީޕަރު މުޙައްމަދު އިމްރާނާއި، ބިދޭސީ ފޯވާޑް އެންހެލް ހިމެނެއެވެ.