މިދިޔަ އަހަރުގެ ޘާނަވީ މަރުޙަލާގެ އިމްތިޙާނުތަކުން، ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ސްކޫލްތަކުގައި ޚާއްޞަ ޙަރަކާތްތަކެއް ބާއްވައިފިއެވެ.
ޘާނަވީ މަރުޙަލާގެ އިމްތިޙާނުތަކުން، މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންހޯދި ކާމިޔާބީ ފަހަގަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފިއެވެ.
މި ހަރަކާތްތައް ފެށީ ފަތިސްނަމާދުންނެވެ. ސްކޫލުތަކުގައާއި، އިސްލާމީ މަރުކަޒުގައި ކުރި ފަތިސްނަމާދަށްފަހު ކީރިތި ޤުރުއާން ޚަތިމްކުރުމުގެ ޚާއްޞަ ޙަރަކާތްތަކެއް ސްކޫލްތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތްތަކުގައި އެކި ސްކޫލްތަކުގައި މިއަހަރު ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ އިތުރަށް މިދިޔަ އަހަރު އޯލެވެލް ނިންމި ދަރިވަރުންނާއި، ޓެން ޕްލަސްގެ ދަރިވަރުން މި ހަރަކާތްތަކުގައި ބައިވެރިވެފައިއެވެ.
މީގެ އިތުރުން ސްކޫލްތަކުގައި ޚާއްޞަ އެސެމްބްލީތައް ބާއްވާފައިވެއެވެ. މި އެސެމްބްލީތަކުގައި ވަނީ ޚާއްސަ ދުޢާއެއް ކޮށްފައެވެ. މިދިޔަ އަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް ސްކޫލުތަކުންވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެގޮތުން ބައެއް ސްކޫލްތަކުގައި އެކުދިންނަށް ޚާއްސަކޮށްގެން ދަރިވަރުންގެ ހުށައެޅުންތަކެއް ވަނި ދައްކާލާފައެވެ. މި އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރު ވަނީ، އޯލެވެލްގެ ކާމިޔާބީ ފާހަގަކުރައްވައި، ދަރިވަރުން ހޯދާފައިވާ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. ސްކޫލްތަކުގައި ކުރިއަށްގެންދިޔަ ޚާއްސަ އެސެމްބްލީއަށްފަހު ދަރިވަރުންގެ ޚާއްޞަ ޙަރަކާތްތަކެއް ސްކޫލްތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ.
މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކުން ޘާނަވީ ތަޢުލީމު ނިންމައި އިމްތިޙާންތަކުގައި ފަސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަތް ދަރިވަރުން ބައިވެރިވެފައިވާއިރު މީގެ ތެރެއިން 5 މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 77 އިންސައްތައަށް އަރާކަމަށް އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ. މިނަތީޖާއަކީ ތަޢުލީމީ ދާއިރާގައި ޒަމާނުއްސުރެ ޙާޞިލްކުރަން ކަނޑައަޅާފައިވާ 60 އިންސައްތައިގެ ލަނޑުދަނޑިއަށްވުރެ 17 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ޘާނަވީ ތަޢުލީމު ފުރިހަމަކޮށް ނުކުންނަ ކޮންމެ ކުއްޖަކީ މަތީޘާނަވީ ތަޢުލީމަށް ޤާބިލް ކުއްޖަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސިޔާސަތުގެ ދަށުން، ޘާނަވީ ތަޢުލީމުގެ މަރުޙަލާ ފުރިހަމަކުރާ ކޮންމެ ކުއްޖަކީވެސް މަދުވެގެން 3 މާއްދާއިން "ސީ" ފާސް ނުވަތަ އެފެންވަރުގެ ފާހެއް ލިބިފައިވާ ދަރިވަކަށް ހެދުމަށް ކުރެވޭ މަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު މިއަދަދު ހަތްދިހަ ނުވަ އިންސައްތަގައި ހުރިއިރު 2017 ގައި މިއަދަދު ނުވަދިހަ ދޭއް ޕޮއިންޓް އަށެއް ނުވައެއް އިންސައްތައަށް މަތި ކުރެވިފައިވާކަމަށެވެ.