ވިޔަފާރި

ފަހު ކުއާޓަރގައި އެޕަލްއަށް 88 ބިލިއަން ޑޮލަރު


މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހު ނުވަތަ ފަހު ކުއާޓަރގައި އައި ފޯނު ވިއްކާ އެޕަލް ކުންފުންޏަށް 88.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިއީ އެޕަލް ކުންފުނިން އަންދާޒާކޮށްގެން ތިބި މިންވަރަށްވުރެވެސް މަތީ އަދަދަކަށްވާއިރު، މިއީ ކުއާޓަރއެއްގެ ތެރޭގައި އެކުންފުންޏަށް އެންމެ ބޮޑު ފައިދާވެސް ލިބުނު ކުއާޓަރއެވެ. 88.3 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި އެޕަލް ކުންފުންޏަށް ލިބުނުއިރު، ފަހު ކުއާޓަރގެ ސާފު ފައިދާ އުޅެނީ 20 ބިލިއަން ޑޮލަރުގައެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި 88.3 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، އެޕަލްއިން އަންދާޒާ ކުރަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 60 ބިލިއަނާއި 62 ބިލިއަނުގެ އާމްދަނީއަކަށެވެ. އެހެންކަމުން މިއީ އެޕަލްގެ ފޯނުތައް ގަންނަ އަދަދު ދަށަށް ދާނެކަމަށް ލަފާކުރުންކަމަށް ބައެއް ތަޖުރިބާކާރުން ދެކެއެވެ.

img:http://s2.psmnews.mv/images/660x400/15053054536974.jpg|އައި ފޯނު 10 / މިއީ މިހާތަނަށް ނެރުނު އެންމެ އަގުބޮޑު އައި-ފޯނު

އެޕަލްއިން ބުނާގޮތުގައި މިދިޔަ ކުއާޓަރގައި އެކުންފުނިން ވަނީ 77.3 މިލިއަން ފޯނު ވިއްކާފައެވެ. ނަމަވެސް އެއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 1 އިންސައްތަ ދަށް އަދަދެކެވެ. މިއީ އެޕަލްގެ އުފެއްދުންތައް އަގުބޮޑުވުމުން ދިމާވި ކަމެއްކަމަށް ތަޖުރިބާކާރުން ދެކެއެވެ.

މިދިޔަ ކުއާޓަރގައި އެޕަލް ފޯނުތަކުގެ އަގު އެވްރެޖް ގޮތެއްގައި ހުރީ 800 ޑޮލަރުގައެވެ. ނަމަވެސް އެއީ އޭގެ ކުރީ ކުއާޓަރގައި ހުރި 695 ޑޮލަރަށްވުރެ ބޮޑު އަދަދެކެވެ. ނަމަވެސް އެޕަލް ކުންފުނިން ބުނަނީ އަގު ބޮޑު އައިފޯނު 10 ބާޒާރަށް ނެރުނީއްސުރެ، ވިޔަފާރި އެންމެ ރަނގަޅީ އެފޯނުގެ ކަމަށެވެ.

އައި ފޯނު 10 އަގުބޮޑުވެ، އެފޯނަށް އޮތް ޑިމާންޑް ކުޑަވެދާނެކަމަށް ލަފާކޮށް، މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ބާޒާރަށް ނެރުމަށް އުފައްދާ އައިފޯނު 10ގެ އަދަދު ދެބައިކުޅަ އެއްބަޔަކަށް މަދުކުރުމަށް އުޅޭކަމުގެ ޚަބަރުތައްވެސް މީޑިއާގައި ފެތުރެއެވެ.