ޚަބަރު

ފަނޑިޔާރުންނަށް ފަރުދީގޮތުން ޙުކުމެއް ނުނެރެވޭނެ- ސުޕްރީމް ކޯޓު


ސުޕްރީމްކޯޓުގެ ވަކިވަކި ފަނޑިޔާރުންނަށް ފަރުދީގޮތުން އެއްވެސް ބާވަތެއްގެ ޙުކުމެއް ނުވަތަ އަމުރެއްވެސް ނެރުމުގެ ބާރެއް ނޯންނާނެކަމަށް ސުޕްރީމް ކޯޓުން ހާމަކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުއްވި އަމުރުގައި މިހެން ވިދާޅުވެފައި ވަނީ، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ހައްޔަރުކުރި ފުލުހުންނާއި ސިފައިންގެ މައްޗަށް ހުކުމެއް އިއްވާފައިވާކަމަށް ބުނެ، ޢަބްދުﷲ ސައީދުގެ ޤާނޫނީ ވަކީލުން ވާހަކަދައްކާފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ސުޕްރީމް ކޯޓުގެ ވަކި ވަކި ފަނޑިޔާރުންނަށް ފަރުދީގޮތުން އެއްވެސް ބާވަތެއްގެ ޙުކުމެއް ނުވަތަ އަމުރެއްވެސް ނެރުމުގެ އިޚްތިސާސް ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ލިބިގެންނުވާކަމެވެ.

އެހެންކަމުން މި މަހުގެ ފަސްވަނަ ދުވަހުގެރޭ އެއްވެސް ފަރާތެއް ބަންދުކުރުމަށް ނުވަތަ ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމެއް ނުވަތަ އަމުރެއްވެސް ނެރެފައި ނުވާނޭކަމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ސުޕްރީމް ކޯޓުގެ އަމުރުގައި އަންގާފައިވެއެވެ.