ގެދޮރު އަގުހެޔޮކުރުމުގެ ލޯނުސްކީމްގެ ފުރަތަމަ ފިޔަވަހީގައި 55 މީހަކަށް ލޯނު ދޫކޮށްފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނީ، ގެދޮރުގެ ދަތިކަންހުރި އާއްމުރައްޔިތުންނަށް ހިޔާވަހިކަން ފަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި އެމްއެމްއޭއިން ފަށާފައިވާ ގެދޮރު އަގުހެޔޮ ކުރުމުގެ ލޯން ސްކީމްގެ ފުރަތަމަ ބުރަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.
މި ލޯން ސްކީމްގެ ފުރަތަމަ ފޭސްގައި ގާކޮށި އަދި އަރަބިއްޔާގެ ސަރަހައްދުގައި ޢިމާރާތްކުރެވިފައިވާ ޓާޓާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް 2 މިލިއަން ރުފިޔާއަށްވުރެ ގިނަނޫން ޢަދަދަކަށް ބޭންކްތައް މެދުވެރިކޮށް ލޯނު ހަމަޖެއްސޭނެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
އެމްއެމްއޭއިން ބުނީ، މިފަދަ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ލޯންގެ ޑައުން ޕޭމަންޓަށްވާ ފައިސާ އެމް.އެމް.އޭ އިން ގަރަންޓީ ކޮށްދީފައިވާކަމަށެވެ. އެހެންކަމުން މިފަދަފަރާތްތަކުން ޑައުން ޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަންނުޖެހި، ލޯންގެ ފައިސާ އެއްކޮށް ބޭންކުން ފައިނޭންސްކުރެވޭނެ މަގު ފަހިކޮށްދެވުނެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން 55 ފަރާތަކަށް ލޯނު ދޫކޮށްފައިވާއިރު، ލޯނުގެ ގޮތުގައި ދޫކުރި ޖުމްލަ ފައިސާގެ އަދަދެއް އެމްއެމްއޭއިން ހާމަކޮށްފައެނުވެއެވެ.
ގެދޮރު އަގުހެޔޮކުރުމުގެ ލޯން ސްކީމްގެ ދެވަނަ ފޭސް މިހާރުވަނީ ހުޅުވާލެވިފައެވެ. ދެވަނަ ފިޔަވަހީގައި ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިނަވެގެން 2.2 މިލިއަން ރުފިޔާއެވެ. ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަކީ 25 އަހަރެވެ.
ލޯން ސްކީމްގެ އިންޓަރެސްޓް ރޭޓް ކަނޑައަޅާފައިވަނީ، ލޯނު ނެގުމަށް ދައްކާ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީއަށް ބަލާފައެވެ.
- ޑައުންޕޭމަންޓަކީ %20 މަތީ އަދަދެއްނަމަ އިންޓަރެސްޓް ރޭޓަކީ %5 އެވެ.
- ޑައުންޕޭމަންޓަކީ %10 އާއި %20 ދެމެދު އަދަދެއްނަމަ އިންޓަރެސްޓް ރޭޓަކީ %5.5 އެވެ.
- ޑައުންޕޭމަންޓަކީ %5 އާއި %10 ދެމެދުގެ އަދަދެއްނަމަ އިންޓަރެސްޓް ރޭޓަކީ %6 އެވެ.
އެމްއެމްއޭއިން ބުނީ، ގެދޮރު އަގުހެޔޮ ކުރުމުގެ ލޯން ސްކީމްގެ ލޯނު ދޫކުރަމުންދާނީ، ރާއްޖޭގެ ވިޔަފާރި ބޭންކުތަކުން ކަމަށެވެ.