ޚަބަރު

އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ރައްޔިތުން ޤަބޫލެއް ނުކުރާނެ


ދިވެހި ރައްޔިތުން ކުރިއަށް ވުރެ މިހާރު މާ ހޭލުންތެރިވާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ރައްޔިތުން ޤަބޫލެއް ނުކުރާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ  ޑރ.މުއިއްޒު ވިދާޅުވީ ޤައުމުގެ ވެރިކަމަށް އަންނަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ އަމިއްލަ ބޭނުން ތަކަށް ކަމަށެވެ. އޭގައި ރައްޔިތުންނަށް ހެޔޮ ގޮތް އެދުމެއް ނެތް ކަމަށާއި ޤައުމު ކުރިއެރުވުމެއްވެސް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިހެން މިބާއްވާ ޕްރެސް ކޮންފަރެންސްތަކުގެ ބޭނުމަކީވެސް ރައްޔިތުންނަށް ކަންތައްތަކުގެ ހަޤީޤަތް އޮޅުން ފިލުވައިދިނުން، މަދު ބަޔަކު ދަނީ މި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށް މަސައްކަތް ކުރަމުން. އަދި އެމީހުން އެކަންތައް ކުރަނީ އަމިއްލަ މަޤްސަދު ތަކަކަށް، ޤާސިމްވެސް މަސައްކަތްކުރަނީ ސަރުކާރު ބަދަލުކޮށްގެން ދައުލަތަށް ދައްކަންޖެހޭ ދުއިސައްތަ މިލިއަނެއްހާ ޑޮލަރު ނުދައްކަން" ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ. 

ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕީޕީއެމްގެ ނާއިބް ރައީސް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުއްﷲ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ ކޯލިޝަން ވަރަށް އަވަހަށް ބައިބައިވާނެ ކަމަށާއި އެ ކޯލިޝަނުން ޖުމްހުރީ ޕާޓީ ވަކިވާނެ ކަމަށެވެ.

"ވަރަށް އަވަހަށް ޖުމްހުރީ ޕާޓީއިން އިއުލާންކުރާނެ ކޯލިޝަނުން ވަކިވި ކަމަށް، ދިވެހި ރައްޔިތުންނަށް މާ ހެޔޮ އެދޭ ބަޔަކަށް ވެގެން މަސައްކަތް ފަށާނެ، ރައްޔިތުން މިކަމަށް ވަރަށް ބޮޑަށް ހޭލާ ވިސްނައިގެން ތިބެން ޖެހޭ" ޢަބްދުއްރަހީމް ވިދާޅުވިއެވެ.  

ޕީޕީއެމްގެ ސްޕޯކްސް ޕާސަން ޢަލީ ޢާރިފް ވިދާޅުވީ، ބަޣާވަތް ނާކާމިޔާބުވުމުން މިހާރު ކޯލިޝަންގައި ހިމެނޭ ބައެއް ފަރާތްތަކުން އޭގައި ބައިވެރިނުވާ ކަމަށް ބުނަމުންދާ ކަމަށެވެ. އެހެން ނަމަވެސް ބަޣާވާތަށް ތާއީދުކޮށް އެފަރާތްތަކުން ކުރިން ޝުއޫރު ފާޅުކޮށްފައިވާ ކަމަށް ޢާރިފް ވިދާާޅުވިއެވެ.

" ޤާނޫނާ ހިލާފު އެއްވުންތަކުގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންނަށް އިދިކޮޅު ފަރާތްތަކުން ގޮވާލިޔަސް، އެފަދަ އެއްވުންތަކުގައި ރައްޔިތުންނެއް ބައިވެރިއެއް ނުވާނެ،" އާރިފް ވިދާޅުވިއެވެ. 

ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޙަލީލު ވިދާޅުވީ ބަޣާވާތާ ގުޅިގެން ދައުލަތަށް ލިބުނު މާލީ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ދައުވާކުރަން ޖެހޭކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ފަރާތްތަކަކީ ޚިޔާލު ވަރަށް ތަފާތު ބައެއް ކަމަށާއި އެންމެންވެސް ބޭނުންވަނީ ވެރިކަން ކަމަށް ޚަލީލު ވިދާލުވިއެވެ.

"  ވިސްނުން ވަރަށް ބޮޑަށް ތަފާތު ފަރާތްތަކެއް އިދިކޮޅު ކޯލިޝަންގައި ތިބީ، އެއް ހަމައެއްގައި އެއްސަފެއްގައި މަސައްކަތް ކުރެވޭ ޒާތުގެ ބޭފުޅުންނެއް ނޫން" ހަލީލް ވިދާޅުވިއެވެ. 

 މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫއްޕުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.