ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގައި މިފަހަރު ބަލާފައިވާނީ އަސާސީ މުސާރައަށް ބަދަލެއް ގެނައުމުގެ ބަދަލުގައި މުވައްޒަފުން ގެއަށްގެންދަން ލިބޭ ޢާމްދަނީ އިތުވާނެހެން އެލަވަންސްއެއް ތަޢާރަފްކުރުމަށްކަމަށާ، މިކަމުގެ ހެޔޮފައިދާ މުވައްޒަފުންނަށް ކުރާނެކަމަށް ސިވިލްސަރވިސް ކޮމިޝަނުން ބުނެފިއެވެ.
ސިވިލްސަރވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެމުން އެ ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމް ވިދާޅުވީ މި ބަދަލާއެކު މުވައްޒަފުންގެ ތެރެއިން އެންމެ ދަށް ފަންތީގެ މުސާރަ ލިބޭ މީހުންނަށްވެސް މުސާރައިގެ ތިރީސް ހަތެއް އިންސައްތައިގެ ޢާމްދަނީއެއް ލިބޭނެކަމަށް. މިއީ ސިވިލްސަރވިސްގެ މުވައްޒަފުންގެ މުސާރަ އެންމެ ބޮޑު ޢަދަދަކުން އިތުރުވި ފަހަރުކަން ޑރ.އަލީ ޝަމީމް ފާހަގަކުރެއްވި.
"ދަށް ފަންތީގެ މުވައްޒަފުންނަށް ބޮޑުވި މުސާރައިގެ އަދަދަކީ މުސާރަ ދިނުމަށް އައިސްފައިވާ ކުރިއެރުންތަކުގެ ތާރީޚަށް ބަލާއިރު ދަށް ފަންތީގެ މުވައްޒަފުންނަށް މުސާރަދިނުމުގައި އެންމެ ބޮޑު ކުރިއެރުމެއް އައި އަހަރު. މެދު ފަންތި އަދި އެއަށްވުރެ މަތީ ފަންތީގައި ތިބި މުވައްޒަފުންނަށް 28 އިންސައްތަ ހިމެނޭ މުސާރައާއި އިނާޔާތް ބޮޑުވާ ގޮތަށް ވަނީ ހަމަޖެހިފަ."އަލީ ޝަމީމް ވިދާޅުވިއެވެ
ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގައި މިފަހަރު ބަލާފައިވާނީ އަސާސީ މުސާރައަށް ބަދަލެއް ގެނައުމުގެ ބަދަލުގައި މުވައްޒަފުން ގެއަށްގެންދަން ލިބޭ ޢާމްދަނީ އިތުރުވާނެހެން އެލަވަންސްއެއް ތަޢާރަފްކުރުމަށްކަމަށާ، މިކަމުގެ ހެޔޮފައިދާ މުވައްޒަފުންނަށް ކުރާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި ސަޕޯޓް ސާރވިސް މުވައްޒަފުންނާއި އެ ރޭންކުތަކުގެއި މަސައްކަތްކުރާ މުވައްޒަފުންނަށް ހުރިހާ އެލަވަންސްތަކާއެކު އެންމެ ދަށްވެގެން 5300 ރުފިޔާ މިމަހުންފެށިގެން ލިބޭނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އަދި މިއައި ބަދަލާ ގުޅިގެން ސިވިލް ސަރވިސްގެ އެންމެ ތިރި ފަންތީގެ މަޤާމުތަކަށް އަހަރަކު 83.75 މިލިޔަން ރުފިޔާ އިތުރަށް ޚަރަދުވާނެކަމަށް ސިވިލް ސަރިވިސްގެ ރައީސް ވިދާޅުވިއެވެ.
ސިވިލް ސަރވިސް މުވައްޒަފުންނަށް އިނާޔަތްތައް އިތުރުކޮށް، ޚާއްޞަ އެލަވަންސްތަކެއް ދިނުމަށް ސަރުކާރުން ނިންމީ މިމަހުއެވެ. ސިވިލް ސަރިވިސް ކޮމިޝަންގެ ރައީސް ވިދާޅުވީ މުވައްޒަފުންގެ މުސާރަ ބޮޑުމި މަހުން ފެށިގެން ބޮޑު ކުރިނަމަވެސް މުވައްޒަފުންނަށް އިތުރު ގޮތްތަކެއް ހޯދުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާނެކަމަށެވެ. އަދި ހުރިހާ މުވައްޒަފުންނަށްވެސް ބާއްޖަވެރި މުސްތަޤްބަލެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް ޝަމީމް ވިދާޅުވިއެވެ.
" މިމަހުންފެށިގެން ހުރިހާކަމެއް ހުއްޓުނީކީ ނޫން. ސިވިލް ސަރވިސް މުވައްޒަފުންނަށް މުސްތަޤްބަލް އަލިކޮށް އޮތީ. ކުރިއަށް އޮތްތާންގައި މުސާރައާއި އިނާޔާތްތައް އެއްގޮތްކުރުމާއި، އަދުލުވެރިކުރުމަށްވެސް މަސައްކަތް ކުރަމުންދާނެ" އަލީ ޝަމީމް ވިދާޅުވިއެވެ
ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށްފައިވާ ސަރކިއުލަރގައި ވާގޮތުން ސިވިލް ސަރވިސް ކޮންމެ މުވައްޒަފަކަށް މިހާރު ލިބޭ މުސާރައާއި އެލަވަންސްތަކުގެ އިތުރުން އެންމެ ކުޑަވެގެން 700 ރުފިޔާގެ ޚާއްޞަ އެލަވަންސެއް މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިނުމަށް ވަނީ ނިންމާފައެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބަދަލު ގެނެސްފައިވާ ގޮތަށް ބަލާއިރު 2012 އިން 2013 އަށް ވަނީ 2.2 އިންސައްތަ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައެވެ. 2014 އިން 2017 އަށް 24.2 އިންސައްތަ ބަދަލެއް ގެނެސްފައިވާއިރު މިއަހަރު ސިވިލް ސަރވިސްގެ 73.6 އިންސައްތަ މުވައްޒަފުންގެ މުސާރައަށް ވަނީ ގެނެސްފައެވެ.