މިއަހަރުގެ ގޯރމާންޑް އެވޯޑްގެ ހަތަރު ގިންތިއަކަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)އިން ނެރުނު ވާހަކަފޮތެއް ޝޯޓްލިސްޓް ވެއްޖެއެވެ.
މި ފޮތަކީ އާކްގެ 'ހެލްތީ އީޓިންގ އެންޑް އެކްޓިވް ލައިފަސްޓައިލް (ހީލް) ކެމްޕޭނުގެ ދަށުން ނެރުނު 3 ވަނަ ވާހަކަ ފޮތުގެ ތެރެއިން އެންމެ ފަހުން ނެރުނު ފޮތެވެ.
ފައިނަލަށް ގެންދާ ފޮތްތަކުގެ ތެރޭގައި ހިމެނިފައިވާ މި ވާހަކަފޮތް ނޮމިނޭޓުވި ހަތަރު ގިންތިއަކީ ކުރެހުން ނުވަތަ އިލަސްޓްރޭޝަންސް، ޞިއްޙަތާއި ފައިދާ ހުރި ކާނާ، އޭޝިއާ އަށް ކަނޑައެޅުނު ފަންޑް ފައިސާ ހޯދުމުގެ ބައި އަދި ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ގިންތިންނެވެ.
މިއަހަރުގެ އެވޯޑަށް ހުށައެޅި ފޮތް "ދަ ގްރޭންޑް ޕްލޭން އޮފް ދަ ގަންޖް ގުލޫޕް ގްރޫޕް" އަކީ ހީލް ކެމްޕެއިންގެ ތިންވަނަ މެސެޖު "ޑަންކް ދަ ޖަންކް" މައްޗަށް އުފައްދާފައިވާ އުގަންނައިދޭ ފޮތެކެވެ. މިއީ ލޮނާއި ހަކުރާއި ފެޓް ހިމެނޭ، ގިނަ ޕްރިޒަރވޭޓިވްސް އާއި އެޑިޑިވްސް ހިމަނައިގެން ތައްޔާރުކުރާ ކާނާގެ ބާވަތްތަކުން ކުޑަކުދިންގެ ޞިއްޙަތަށް ހުރި ނުރައްކާތެރިކަން އަންގައިދޭ މެސެޖުތަކެއް ހިމެނޭ ގޮތައް ޝާއިޢުކޮށްފައިވާ ފޮތެކެވެ.
މީގެ ކުރިންވެސް އާކް އިން ނެރު ފޮތްތަކަށް ވަނީ ވަނަތަކެއް ލިބިފެއެވެ. އެގޮތުން 2013 ވަނަ އަހަރާއި 2015 ވަނަ އަހަރު ނެރުނު 2 ފޮތަކީ ޔޫރަޕްގެ ގޯރމާންޑް އެވޯޑުގެ އެކި ގިންތިތަކުން އެވޯޑު ޙާޞިލްކުރި ފޮތްތަކެވެ. މީގެ ތެރޭގައި ހިމެނޭ 'ދަ ސްނީކީ ސްނެއަރ އޮފް ދަ ސިރަޕީ ސްލަރޕް ސްލޮޕްސް' ކިޔާ ފޮތެއް 2015 ވަނަ އަހަރު 'ބެސްޓް އިން ދަ ވަރލްޑް' (ޗިލްޑްރެން) ގިންތީން ހޮވިފައިވެއެވެ.
ގޯރމާންޑް ވަރލްޑް ކުކް ބުކް އެވޯޑަކީ ކާނާއިބެހޭ ސިނާއަތުގެ އެންމެ ޝަރަފްވެރި އެއް އެވޯޑެވެ. މިއީ ދުނިޔޭގެ މަޝްހޫރު ޝެފުންނާއި، މި ދާއިރާގެ ލިޔުންތެރިން ކޮންމެ އަހަރަކު ވެސް ބައިވެރިވާ ކާނާއާއި ބެހޭ ފޮތް ލިޔުމުގެ މުބާރާތެކެވެ.
މިއަހަރުގެ ގޯރމާންޑް އެވޯޑަށް 215 ޤައުމަކުން ފޮތް ހުށައަޅާފައިވެއެވެ. މި އެވޯޑުން ވަނަވަނަ ލިބޭ ފޮތްތައް އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ން 29 އަށެވެ. އާކަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާއެކެވެ.