ޚަބަރު

އެޗްޑީއެފްސީގެ ހައުސިން ސްކީމްގައި ޕީއެސްއެމް ބައިވެރިވެއްޖެ


ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ކުރިއަށްގެންދާ ހައުސިން ފައިނޭންސް ސްކީމްގައި ޕަބްލިކް ސަރވިސް މީޑިއާއިން ބައިވެރިވެއްޖެއެވެ.

ޕީއެސްއެމުން މިއަދު ވަނީ އެޗްޑީއެފްސީއާއެކު މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކުރާމް އަބުދުލް ލަތީފެވެ. އަދި އެޗްޑީއެފްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ޝަފީޤެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެޗްޑީއެފްސީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ޝަފީޤް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާގެ މުއައްޒަފުންނަށް ހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ލުއި ފަސޭހަގޮތެއްގައި އެޗްޑީއެފްސީ މެދުވެރިކޮށް ލޯނު ހޯދުމުގެ މަގު ފަހިވެގެންދާނޭކަމަށެވެ. މިގޮތުން ގެދޮރު ގަތުމަށް ބޭނުންވާ ލޯނު އެންމެ ދަށް އިންޓްރަސްޓް ރޭޓާއިއެކު ޕީއެސްއެމްގެ މުއައްޒަފުންނަށް ލިބިގެންދާނޭކަމަށް މުހައްމަދު ޝަފީޤް ވިދާޅުވިއެވެ.

" ރާއްޖޭގެ ކޮންމެ ރަށެއްގަ އިމާރާތްކުރަން ވިޔަސް އަދި ކޮންމެ ރަށެއްގައި އިމާރާތްކުރެވިފަވާ ފްލެޓެއްވިޔަސް އަދި މަރާމާތުކުރަން ބޭނުންކަމުގައިވިޔަސް އެޗްޑީއެފްސީން ދޫކުރާ އެންމެ ދަށް ރޭޓެއްގައި އެންމެ ދިގުމުއްދަތަކަށް މި ސްކީމްގެ ދަށުން ހައުސިން ފައިނޭންސް ލިބިގެންދާނެ." ޝަފީޤް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އިކުރާމް އަބުދުލް ލަތީފް ވިދާޅުވީ އެޗްޑީއެފްސީއާއެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ޤައުމީ މީޑިއާގައި މަސައްކަތްކުރާ މުއައްޒަފުންނަށް ހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް އިންވެސްޓްކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

އިކުރާމް ވިދާޅުވީ އެޗްޑީއެފްސީން ދޫކުރާ ލޯނު ހެޔޮއަގެއްގައި ދިގުމުއްދަތަކަށް ލިބިގެންދިއުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ޤައުމީ މީޑިއާގައި މަސައްކަތްކުރާ މުއައްޒަފުންނަށާއި މުއައްޒަފުންގެ އާއިލާތަކަށް ލިބިގެންދާނޭ ވަރަށްބޮޑު ކުރިއެރުމަކަށް ވާނޭކަމަށެވެ.

" ޤައުމީ މީޑިއާގެ މުއައްޒަފުންނަކީ މުޅީ ދައުލަތް ނެގެހެއްޓުމާއި ހިފެހެއްޓުމުގައި ވަރަށްބޮޑު ޒިއްމާއެއް އަދާކުރަމުންދާ ބައެއް. ޕީއެސްއެމްގައި މަސައްކަތްކުރާ މުއައްޒަފުންނަކީ ވަރަށްބުރަކޮށް މަސައްކަތްކުރާ ބަޔަކަށްވާތީ، އެ މުއަޒަފުންނަށް ގެދޮރާއި އެނޫންވެސް ވަސީލަތްތައް ހަމަޖެހިގެން ދިއުމަކީ ޕީއެސްއެމްގެ މެނޭޖްމަންޓްގެ ވަރަށްބޮޑު އެދުމެއް. ވޭތުވެދިޔަ ބައިގަރުނުގެ ތެރޭގައި ޕީއެސްއެމްގެ މުއައްޒަފުންނަށް ނުލިބޭވަރުގެ ހިތްހަމަ ޖެހުމާއި ފަހި ފުރުސަތުތައް ކުރިއަށްއޮތްތަނުގައި ލިބިގެންދާނެ" ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އިކުރާމު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ސަރުކާރުގެ ކުންފުނިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ހިޔާ މަޝްރޫޢުގައި ޕީއެސްއެމުންވެސް ވަނީ ބައިވެރިވެފައެވެ. ހިޔާ މަޝްރޫޢުގައި ޕީއެސްއެމްގެ އިމާރާތްކުރާ ޓަވަރުގެ ބިންގާ ކުރިއަށްއޮތް މާރޗްމަހު އަޅާނެކަމަށް ޕީއެސްއެމްގެ މެނޭޖްމަންޓުން ބުނެއެވެ.