ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ވިޔަފާރިތައް ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން މިއަހަރު 190 މިލިޔަން ރުފިޔާގެ މާލި އެހީތެރިކަން ދިނުމަށް ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ.
ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން އެ ވިޔަފާރިތައް ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ލޯނު ދޫ ކުރަން ފަށާފައިވާއިރު މި ލޯނުތަކަށް ވިޔަފާރިވެރިންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ވިޔަފާރި ފުޅާކުރުމަށް ލޯނު ދޫކުރުމުގެ އިތުރުން ސަރުކާރުން ގެންދަނީ މި ދާއިރާއާގުޅޭ ތަފާތު ގިނަ ތަމްރީނު ޕްރޮގްރާމްވެސް ހިންގަމުންނެވެ.
ވިޔަފާރިތައް ފުޅާކުރުމަށް ސަރުކާރުން ދޫކުރާ ލޯންތަކުގެ ތެރޭގައި ގެޓްސެޓް ލޯނާއި، ޝަރީޢާ ކޮމްޕްލައިންސް ފައިނޭންސްގެ ދަށުން ކުރިއަށްގެންދާ ފަސޭހަ މަދަދު ޕްރޮގްރާމް ހިމެނެއެވެ. މި ލޯނުތަކުގެ އިތުރަށް މިއަހަރު އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނބަލުންނަށް ޚާއްސަކޮށްގެންވެސް ލޯން ޕްރޮގްރާމެއް ތަޢާރަފްކޮށްފައެވެ. މި ލޯނަކީ ރާއްޖޭގެ މަސައްކަތްތެރި އަދި މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ޚާއްޞަ ކޮށްގެން ހުޅުވާލާފައިވާ ލޯން ސްކީމެކެވެ. ކަނބަލުންނަށް ޚާއްސަކޮށްގެން ހުޅުވާލި ލޯންސްކީމަށް ތަރުޙީބް ލިބޭ މިންވަރަކުން އެ ކަނަބލުންގެ ވިޔަފާރިތައް ތަރައްޤީކުރުމަށް އިތުރު ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތަޢުފީޤް ވިދާޅުވީ މިއަހަރުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން އެ ވިޔަފާރިތައް ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން 190 މިލިޔަން ރުފިޔާގެ މާލި އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިއަހަރުވެސް 40 މިލިޔަން ރުފިޔާ ގެޓްސެޓް ލޯން ޕްރޮގްރާމަށް ހުށައަޅާފައިވާނެކަމަށް ތައުފީޤް ވިދާޅުވިއެވެ.
ޝަރީޢާ ކޮމްޕްލެއިންސް ފައިނޭންސްގެ ދަށުން ކުރިއަށްގެންދާ ފަސޭހަ މަދަދު ޕްރޮގްރާމްތައް މިއަހަރުވެސް ކުރިއަށްގެންދާނެކަން ފާހަގަކުރައްވާ ތަޢުފީޤް ވިދާޅުވީ މި މަހުގެ ތެރޭގައި މި ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށެވެ.
"މިއަހަރުވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ލޯން ޕްރޮގްރާމަތަކަށް ހުށައެޅުމަށް ފުރުޞަތު ހުޅުވާލާނަން.. ޖުމުލަ މިއަހަރު ވިޔަފާރިތައް ތަރައްޤީ ކުރުމަށާއި، ވިޔަފާރިއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރކޮށްދިނުމަށްތަކައި 190 މިލިޔަން ރުފިޔާ ޕްރޮގްރާމްތަތއް ކުރިއަށްގެންދާނެ"އާދަމް ތަޢުފީޤް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ވޭތުވެދިޔަ އަހަރުތަކުގައި އެ މިނިސްޓްރީން ދޫކޮށްފައިވާ ލޯންތަކުގެ އެހީގައި މިއަދު ވިޔަފާރިތައް ފުޅާވެ ތަރައްޤީވެފައިވާކަމަށެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުން މި ލޯންތަކުގައި ބައިވެރިވެ ވިޔަފާރިތައް ފަށާފައިވާކަންވެސް އިކޮނޮމިކް މިނސްޓްރީން ފާހަގަކުރެއެވެ.