ތަޢުލީމު

2018 - ތަޢުލީމީ ގިނަ ފުރުޞަތުތަކެއް ފަހިވެފައިވާ އަހަރެއް


ތަޢުލީމީ އެންމެ ގިނަ ފުރުސަތުތަކެއް ރާއްޖެއަށް ލިބިގެންދިޔައީ މިދިޔަ އަހަރާއި މިއަހަރުކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ. ޑރ.ނަޒީރު ވިދާޅުވީ މިފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯދާއިދިނުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއްކޮށްފައިވާކަމަށެވެ.

ދިވެހި ޒުވާނުން ތަޢުލީމީ ޤާބިލުބަޔަކަށް ހެދުމަށް ސަރުކާރުން ގެންދަނީ ބޮޑެތި މަސައްކަތްތަކެއްކުރަމުނެވެ. ބޭރުގެ ބޮޑެތި ޔުނިވަރސިޓީތަކާ ގުޅިގެން މަތީތަޢުލީމުގެ ގިނަ ފުރުޞަތުތަކެއް ދަނީ ހޯދައިދެމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވީ މިދިޔަ އަހަރާއި މިއަހަރަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތާރީޚުގައިވެސް ގިނަ ފުރުސަތުތަކެއް ލިބުނު އަހަރެއްގެ ގޮތުގައި ފާހަގަކުރެވޭކަމަށެވެ. އެގޮތުން ރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކަށް އަމާޒުކޮށްގެން މީހުން ބިނާކުރުމަށް ދޭ 2050 ސްކޮލަރޝިޕްގެ ފުރުޞަތަކީ ޢަދަދުގެ ގޮތުން މިހާތަނަށް ދިވެހި ދަރިވަރުންނަށް އެއްފަހަރާ ފަހިވި އެންމެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތުކަން ފާހަގަކުރެވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 1500 އަށްވުރެ ގިނަ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތު ލިބިފައިވާކަމަށެވެ. 

މި ސްކޮލަރޝިޕްތަކުގެ ތެރެއިން ސެޓްފިކެޓް ލެވެލް އިންފެށިގެން ޑިޕްލޮމާ ފެންވަރަށް ކިޔެވޭނެއެވެ. މީގެ އިތުރުން މެލޭޝިއާއިންވެސްވަނީ ރާއްޖެއަށް ސްކޮލަރޝިޕްގެ އިތުރު ފުރުސަތުތަކެއްދީފައެވެ. 500 ސްކޮލަރޝިޕް ހަމަޖެހިފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 100 ޕޯސްޓް ގްރެޖުއޭޓް އަދި 400 އަންޑަރ ގްރެޖުއޭޓެވެ. މިކޯސްތަކުގެ މަޢުލޫމާތު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބެލުމަށްފަހު މިފެށޭ ހަފްތާގެ ތެރޭގައި އިޢުލަންކުރާނެކަމަށް އެމިނިސްޓްރީން ބުނެއެވެ. މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީންވަނީ މިދިޔަ އަހަރުވެސް ރާއްޖެއަށް 100 ސްކޮލަރޝިޕް ފުރުސަތު ދީފައެވެ. އެއީ މާސްޓަރސް އަދި ޑިގްރީ ފެންވަރުގެ ކޯސްތަކެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނަޒީރުވަނީ މި ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެމުންދާއިރު މިފަދަ ފުރުޞަތުތަކުގެ ބޭނުންކުރުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ. 

ރާއްޖޭގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްދާއިރު ސިއްޙީދާއިރާއިން މީހުން ބިނާކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވީނަމަވެސް ސަރުކާރުންދަނީ އެފުރުސަތު ދިވެހިންނަށް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އެމްބީބީއެސް ކިޔެވުމަށް 10 ޖާގަ ސްރީލަންކާގެ ކޮލަމްބޯ ޔުނިވަރސިޓީން ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. 

މީގެ އިތުރުން އިސްލާމީ ޤައުމުތަކުގެ ތަރައްޤީއަށް މަސައްކަތްކުރާ އައިޑީބީން ރާއްޖެއަށްވަނީ ޕީއެޗްޑީއަދި މާސްޓަރސް ފެންވަރުގެ ސްކޮލަރޝިޕް ފުރުސަތުތަކެއް ވަނީ ހަމަޖެހިފައެވެ. މިސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު މިޕްރޮގްރާމްގައި އައިޑީބީގެ މެމްބަރު ޤައުމުތަކުގައި ކިޔެވުމުގެ ފުރުސަތު އޮންނާނެއެވެ. މެލޭޝިއާއި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝްގައި މިލިޓްރީ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ޑިގްރީ ފެންވަރުގެ ސްކޮލަރޝިޕް ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ. މީގެ އިތުރުން ތައިލެންޑާއި އިންޑިއާގެ އައިސީސީއާރްއާއި ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީގެ ސްކޮލަރޝިޕްތަކަށްކުރިމަތިލުމަށްވަނީ ހުޅުވާލާފައެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި ޒުވާނުންނަކީ މަސައްކަތަށް ޤާބިލް އަދި ތަޢުލީމީ ބަޔަކަށް ހެދުމެވެ. މިއަމާޒުގެ ދަށުން ދުނިޔެގެ ބޮޑެތި ޔުނިވަރސިޓީތަކާއި ވޯލްޑް ބެންކާއި ގުޅިގެން ފުރުސަތުތައް ހޯދައިދިނުމަށް ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.