ޚަބަރު

ޢާއްމުކޮށްގެން އުޅެނީ "ފޭކް" ލިސްޓެއް- މުޢިއްޒު


ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓްތައް ދިންކަމަށް ބުނެ ޢާއްމުކޮށްގެން އުޅެނީ ބަޔަކު އަމިއްލައަށް ހަދައިގެން އުޅޭ ލިސްޓެއްކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ހައުސިންގ މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ފްލެޓް ދިންކަމަށް ބުނެ ލިސްޓެއް ހަދައިގެން އުޅެނީ، ސަރުކާރު ބަދުނާމްކުރުމުގެ ބޭނުމުގައިކަމަށެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ސޯޝަލް ހައުސިންގ ފްލެޓްތައް ލިބޭ ސަތޭކަ ފަސްދޮޅަސް އެއް ފަރާތުގެ ލިސްޓް އާއްމުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ބާރަވަނަދުވަހުއެވެ. ލިސްޓުތައް އާއްމުކޮށްފައިވަނީ ނަންހާމަނުވާގޮތަށެވެ.

ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ފްލެޓް ދިނުމުގައި އެހެން އެއްވެސް ސަރުކާރަކުން ބަލާފައިނުވާ ވަރަށް މި ސަރުކާރުގައި ބަލާފައިވާނެކަމަށެވެ. އެގޮތުން ފޯމްތައް ތިންފަހަރެއްގެ މަތިން އިވަލުއޭޓްކޮށް، އަދި ގޭގެއަށް ގޮސް ހާލަތު ދެނެގަނެ ސަރވޭ ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފްލެޓް ދިނުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް މިނިސްޓްރީއަށް ފޯރާފައި ނުވާކަމަށާއި، ފްލެޓާއި ގުޅޭ މަޢުލޫމާތު އިތުރު ފަރާތަކާއިއެކު މިނިސްޓްރީން ހިއްސާކޮށްފައިވެސްނުވާކަމަށެވެ.