ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް މިއަހަރު ތެރޭގައި އިތުރު ލޯނު ސްކީމްތަކެއް ތަޢާރަފްކުރާނޭކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ އެސް.އެމް.އީ ލޯނާއި ގެޓްސެޓް ލޯން ސްކީމްގެ އިތުރުން އެހެން ލޯން ސްކީމްތަކެއްވެސް މިއަހަރުގެތެރޭގައި ތަޢާރަފްވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ޒުވާނަނުންނަކީ އުފެއްދުންތެރި، އާ ކަންތައްތައް ހޯދާ އިޖާދު ކުރާ ބައެކަށް ވާއިރު، މި ފަދަ ލޯނުސްކީމްތަކުގެ ބޭނުމަކީ ސަރުކާރުގެ ވަޒީފާތަކުގައި އުޅެމުންވެސް ލިބޭ ހުސްވަގުތުތަކުގައި ވިޔަފާރިތައް ކުރުމަށް ސަރުކާރުން ދޭ އެހީއެކެވެ.
ސިވިލް ސަރިވިސްގެ ވަޒީފާގައި އުޅެމުންވެސް މިހާރުވެސް ޕާރޓްޓައިމް ވިޔަފާރިތައް ކުރާ މީހުން ގިނަކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ.
ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވީ ސަރުކާރުން ދޫކުރާ ލޯނު ސްކީމް ތަކުގެ ބޭނުމަކީ ޒުވާނުން ވިޔަފާރީގެ ތެރެއަށް ނެރުންކަމަށެވެ. އަމިއްލަ ވިޔަފާރީގެ ދައިރާއަކީ އިޤްތިޞާދަށް އެންމެ ބޮޑު ފައިދާ ހޯދައިދޭ ދާއިރާކަން ފާހަގަކޮށް މިނިސްޓްރީން ވަނީ ޕްރައިވެޓް ސެކްޓަރތަކަށް ހުޅުވާލާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އިލްތިމާސްކޮށްފައެވެ.
ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވަނީ، މިހާރަކަށް އައިސް އަންހުން ވިޔަފާރީގެ ދާއިރާގައި ގިނަކަމަށާ ވަޒީފާތަކުގައިވެސް އަންހެނުން ގިނަކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ ޢަދަދު އިތުރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަމިއްލަ އުފެއްދުންތައް ބޮޑުވެއްޖެނަމަ، އަޅުގަނޑުމެންނަށް އެ އެއްޗެހި އެކްސްޕޯޓް ކުރެވޭނެ. މި ވިސްނުމާ އެއްކޮށް ވިޔަފާރިތެރޭގައި ޒުވާނުން އުޅޭ މަންޒަރު ދެކެން ބޭނުންވޭ. އޭރުން އިޤްތިޞާދު މިހާރަށް ވުރެ ބޮޑަށް އިތުރުވެގެންދާނެ." ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.
ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް މިއަހަރު ތެރޭގައި އެސްއެމްއީ ސްކީމާއި ގެޓްސެޓްގެ އިތުރު، އިތުރު ލޯން ސްކީމްތަކެއް ފަށާނެކަމަށް ސަރުކާރުން ބުނެފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން ވަނީ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރީތައް ކުރިއެރުވުމަށް 190 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ކުރިއަށްގެންދަން ނިންމާފައެވެ.