ޚަބަރު

ބަޣާވާތުގެ މައި ކިއްލާއަކީ ކުނޫޒް- އަބްދުއްރަހީމް


ބަޣާވާތެއް ގެނެސް، ސަރުކާރު ވައްޓާލުމުގެ މަސައްކަތް ކުރާ މައި މަރުކަޒަކީ ޖުމްހޫރީ ޕާޓީގެ ކުނޫޒް ޖަގަހަކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގެ އަމާންކަން ނަގާލާ، މީހުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށް ކުރާ މަސައްކަތުގައި އަޑީގައި ހުންނެވީ، ގާސިމް އިބްރާހިމްކަމަށެވެ.

އަބްދުއްރަހީމް ދެއްކެވި ވާހަކަފުޅުގައި ގާސިމް ދަޢުލަތަށް ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރެއް ނުދައްކާ، ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރާކަމަށް ބުނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ދައުލަތަށް ދައްކަވަންޖެހޭ ފައިސާ ދެއްކެވުމަށްފަހު ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރުން ރަނގަޅުވާނޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

2007 ވަނަ އަހަރުން ފެށިގެން ދައުލަތުން ވިލާ ގްރޫޕްގެ ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްރަށާއި އެނޫންވެސް ތަންތަނުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން މަޢުލޫމާތުދެއްވައެވެ. މީގެ އިތުރުން ވިލާ ޝިޕިންގ އެންޑް ޓްރޭޑާއި އެކުންފުންޏާއި ގުޅުންހުރި ކުންފުނިތަކުން ހިންގާ ބައެއް ރިސޯޓްތަކުން ޤާނޫނާއި ޤަވާއިދުތަކާ ޚިލާފްވެފައިވާކަމަށްވެސް ދަޢުލަތުގެ މުޢައްސަސާތަކުން ބުނެއެވެ. އެގޮތުން މިދިޔައަހަރުގެ މާރޗް މަހުން ފެށިގެން ވިލާ ޝިޕިންގ ގެ 4 ރިސޯޓަކުން ގްރީން ޓެކްސް އާއިި ޓީޖީއެސްޓީ ނުދައްކާކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނެއެވެ.