ޚަބަރު

ބައެއް ނޫސްވެރިން މަސައްކަތްކުރަނީ ސިޔާސީ މަޤްޞަދެއްގައި- ނިހާން


މީޑިއާތަކުގައި މަސައްކަތްކުރާ ބައެއް ނޫސްވެރިން މަސައްކަތްކުރަނީ ސިޔާސީ މީހުންގެ ސިޔާސީ މަޤްޞަދުތައް ހާޞިލުކޮށްދިނުމަށްކަމަށް ވެރިކަންކުރާ ޕީޕީއެމުން ތުހުމަތުކޮށްފިއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އިއްޔެ ރާއްޖޭގައި ރަށްރަށުގައި ހަމަނުޖެހުން ހިންގުމަށް އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތްތަކުގައި ކުރީގައި ތިބީ ނޫސްވެރިންގެ ނަމުގައި ތިބި އެކްޓިވިސްޓުންތަކެއްކަމަށެވެ. އަދި އެނޫސްވެރިން މަސައްކަތްކުރީ ރާއްޖޭގެ ޙާލަތު އިތުރަށް ގޯސްކުރުމަށްކަމަށް ނިހާން ވިދާޅުވިއެވެ. އެހެންކަމުން ނޫސްވެރިކަމުގެ މިންގަނޑުން ބޭރުން ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކާމެދު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަންޖެހޭކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާންގެ ވާހަކަފުޅުގައި ރާއްޖޭގައި އިއްޔެ މުޒާހަރާކޮށް، ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިކަމަށް ދެއްކުމަށް ދޮގު ޚަބަރު ބައެއް މީޑިއާތަކުން ފެތުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި މީގެ އެތައް އަހަރެއްކުރިން މާލޭގައި ކުރި މުޒާހަރާގެ ފޮޓޯތަކާއި ވީޑިއޯތައް ބައެއް މީޑިއާތަކުން ދެއްކިކަމަށް ނިހާން ވިދާޅުވިއެވެ.

ރާއްޖޭގައި އިއްޔެ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ހަޤީޤަތާއި ޚިލާފު ޙަބަރުތައް ސޯޝަލް މީޑިއާއާއި އެހެނިހެން މީޑިއާތަކުގައި ފަތުރާފައެވެ. މިގޮތުން އޮސްޓްރޭލިއާގައި ކެންގަރޫއެއް ހަމަލާދީ ޒަޚަމްވެފައި އޮތް މީހެއްގެ ފޮޓޯ ޢާއްމުކުރުމަށްފަހު، އެއީ އިއްޔެގެ މުޒާހަރާގައި ޒަޙަމްވި މީހެއްކަމަށް ބުނެ ވަނީ ދޮގު މަޢުލޫމާތު ފަތުރާފައެވެ.