އެއަރޕޯޓް ސަރވިސް ޗާrރޖާއި ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުން ދަނީ ރައްކާ ކުރަމުންކަމަށާއި އެ ފައިސާ އިންވެސްޓް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ފިނޭނޭސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. މިހާރު އެއަރޕޯޓް ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ 25.1 މިލިޔަން ޑޮލަރެވެ. މިއީ ދިވެހި ފައިސާއިން ބާލާއިރު 386.2 މިލިޔަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ އެއާރޕޯޓް ޑިވެލޮޕްމެންޓް ފަންޑުގައި ހުރި ފައިސާ އަކީ ސަރުކާރުން ޚަރަދުކުރާ ފައިސާއެއް ނޫންކަމަށާއި އެއީ ފަހަށް ރައްކާކޮށްފައިވާ ފައިސާކަމަށެވެ. އަދި ދަރަނި ދައްކަންޖެހޭ ހާލަތްތަކުގައި މިފައިސާ ބޭނުން ކުރަން ނިންމާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ އަމާޒަކީ ތިން އަހަރުތެރޭ އެއަރޕޯޓް ޑިވެލޮޕްމެންޓް ފަންޑު 300 އާއި 500 މިލިޔަން ޑޮލަރަށް އިތުރުވެގެން ދިޔުންކަމަށާއި މީގެ ނަތީޖާއަކަށް ވާނީ ފޮރިން އެކްސްޗޭންޖްގެ ރިޒާވްގެ އިތުރަށް، ޑޮލަރުގެ އިތުރު ފަންޑެއް ޤާއިމްވުންކަމަށެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފަންޑަކީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާ ކުރުމަށް މިސަރުކާރުން ކުރައްވާ މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ ޚަރަދުތައް ބޮޑުވެގެންދިޔަކަމުގައި ވީނަމަވެސް އަޅުގަނޑުމެން ބޭނުންވޭ ފަހަށް ރައްކާކުރުމުގެ ބައި ސަރުކާރު ތެރޭގައި އާދަކުރުމަށް. މިއަހަރުތެރޭގައިވެސް އަޅުގަނޑުމެން ބަޖެޓްކޮށްފައިވާނެ މި ފަންޑު އިތުރަށް ބޮޑުކުރުމަށް" ފިނޭންސް މިނިސްޓަ އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ އަހރު މި ފަންޑަށް ޖަމާކުރަން އަމާޒްކުރި ފައިސާ ޖަމާނުކުރެވުނީ އެއަރޕޯޓް ޑިވެލެޕްމެންޓް ޗާރޖް ލަހުން ފެށުމާ ގުޅިގެން އާމްދަނީ ދަށްވުމުގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް މިއަހަރު މިފަންޑަށް ލުމަށް އަމާޒުކޮށްފައިވާ އަދަދު ލިބޭނެކަމަށް އެ މިނިސްޓްރީން އުންމީދުކުރެއެވެ.
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ، މިދިޔަ އަހަރު މޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާރޖްގެ އިތުރުން ނަގާ ފީއެކެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖަކީ ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުން އަތުން، ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 ޑޮލަރުގެ ރޭޓުން ނަގާ ޓެކުހެކެވެ.