ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވި ހުށައެޅުން ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ. އެ މަޖްލީހުން މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެޑައިގެންނެވި 38 މެންބަރުންގެ އިއްތިފާޤުންނެވެ.
މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ މިމަހުގެ ފަސްވަނަދުވަހު ރައީސުލްޖުމްހޫރިްޔާ އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ޤާރަރު ފާސްކުރުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ތިރީސްދުވަހަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވި ހުށައެޅުން ފާސްކުރުމެވެ. މި މައްސަލަ މަޖީލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީން ފާސްކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވަނީ ބައެއް އިސްލާހުތަކާއެކު އެވެ. އެ ގޮތުން ޤާނޫނު އަސާސީގެ ބައެއް މައްދާތައް ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ޤާރާރު ފާސްކުރާއިރު ރައްޔިތުން މަޖިލީހުގައި ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ އަދަދާއި މެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުން ހިމެނެއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤާރާރުން އުނިކުރުމަށް މަޖިލީހުން ނިންމާފައި ވަނީ ޤާނޫނު އަސާސީގެ 100 ވަނަ މައްދާ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބު މަޤާމުން ވަކިކުރުމުގެ މާއްދާއާއި ޤާނޫނު އަސާސީގެ 101 ވަނަ މާއްދާ، ވަޒީރުން ގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާއި އަމަލުކުރާނެ އުސޫލްތައް ބަޔާން ކުރާ މާއްދާއާއި ޤާނޫނު އަސާސީގެ 113 ވަނަ މައްދާ، ސުޕްރީމްކޯޓްގެ ބާރުތަކާއި ޤާނޫނު އަސާސީގެ 228 ވަނަ މާއްދާ، ޕްރޮސެކިއުޓަރ ޖެނެރަލް މަޤާމުން ވަކިކުރުމުގެ މާއްދާއެވެ.
ރައްޔިތުން އެމައްޗަށް ލާޒިމްކުރާ ކަންކަން މަޖިލީހުން ފާސްކުރަންޖެހޭނީ މަޖްލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުން ތިބޭ ޖަލްސާއެއްގައި ކަމަށް ބުނެ ދެކެވޭ ވާހަތަކަށް މިއަދުގެ މަޖިލިސް ފައްޓަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ޖަވާބުދެއްވާފައިއެވެ.
މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ވިދާޅުވީ، ރައްޔިތުން އެމައްޗަށް އަމަލުކުރަން ލާޒިމްކުރާ ކަންކަން ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ހިމަނާފައި ނުވާ ކަމަށެވެ. އެހެންކަމުން ޖަލްސާގައި ވޯޓަށް އައްސަވަނީ މަޖިލީހުގައި އާންމު އުސޫލުން 21 މެމްބަރުން ތިއްބަވައިގެން ކަންކަން ފާސްވާ އުސޫލުން ކަމަށް މަސީހް ވަނީ ވިދާޅުވެފައެވެ.
ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކުރުމުގެ އިތުރުން މިއަދުގެ ޖަލްސާގައިވަނީ މި ޤާރާރު ފާސްކުރއިރު ރައްޔިތުން މަޖިލީހުގައި ތިބެންޖެހޭ މެންބަރުންގެ އަދަދާއި މެދު މަޖްލީހުގެ ބައެއް މެންބަރު ސުވާލު އުފައްދާތީ އެ މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅުމަށްވެސް ފާސްކޮށްފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ޤަރާރު ރައްޔިތުން މަޖިލީހުން ފާސްކޮށްފަިއވަނީ މިއަދުގެ ޖަލްސާގައި ބައިވެރި 38 މެމްބަރުންގެ އިއްތިފާގުންނެވެ.