ޚަބަރު

ނަޝީދާއެކު އިންޑިއާގެ ޑިފެންސް މިނިސްޓަރ މަޝްވަރާއެއް ނުކުރޭ


ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު އިންޑިއާގެ ޑިފެންސް މިނިސްޓަރު އެއްވެސް މަޝްވަރާއެއް ނުކުރައްވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

މިދިޔަ އާދީއްތަދުވަހު ބެންގަލޫރުގައި އޮތް ބައްދަލުވުމެއްގެ ތެރެއިން، ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓަރ ނިރްމަލާ ސީތާރާމްއާ މަޝްވަރާކުރެއްވިކަމަށް ބުނެ، ކުރީގެ ރައީސް ނަޝީދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ނަމަވެސް އިންޑިއާގެ ނޫސްތަކަށް މަޢުލޫމާތުދެއްވަމުން، އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، މީޑިއާ ބަޔަކު ބޭއްވި ބައްދަލުވުމަކަށްފަހު ކުރީގެ ރައީސް ނަޝީދާއެކު އިންޑިއާގެ ޑިފެންސް މިނިސްޓަރު މަޝްވަރާކުރެއްވިކަމަށް ބުނާ ވާހަކައަކީ ހަޤީޤަތާ ޚިލާފު ވާހަކައެއްކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ގިނަ ބަޔަކު ބައިވެރިވި ޢާއްމު ބައްދަލުވުމަކަށްފަހު، އެނބުރި ވަޑައިގަތުމަށް ޑިފެންސް މިނިސްޓަރ ތައްޔާރުވެވަޑައިގަންނަވަނިކޮށް ކުރީގެ ރައީސް ނަޝީދު އެކަމަނާ އަރިހަށް އަމިއްލައަށް ވަޑައިގަތީއެވެ. އަދި ސަލާންކޮށްލުމަށްފަހު، ހާލު ބައްލަވާލެއްވުން ނޫން އިތުރު ވާހަކައެއްވެސް، މަޝްވަރާއެއްވެސް ނުކުރައްވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރާ މަޝްވަރާކުރެއްވިކަމަށް ބުނެ ނަޝީދު ޓްވީޓް ކުރެއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ޑިފެންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ޑިފެންސް މިނިސްޓަރުވެސް ހިތްޕުޅުހަމަނުޖެހުކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.