ޚަބަރު

ބޯހިޔާވަހި ކަމުގެ މަޝްރޫޢާއެކު މާލޭގެ ކުލި އަގުހެޔޮ ވެގެންދާނެ


ރައިސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ސަބަބުން މާލޭގެ ކުލި ދަށަށް ދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެވެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ "ދަ ޑައިލޮގް" ޓޯކް ޝޯވްގައި ޒުވާނަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޒުވާނުންގެ ހިތުގައި ޤައުމާމެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދެއްވާ "ދަ ޓޯކް ޝޯވް"ގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ހިޔާ މަޝްރޫޢުގެ ސަބަބުން މާލޭގެ ކުލި ކުޑަވެގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިމަޝްރޫޢު ނިމޭއިރު ގާތްގަނޑަކަށް 50 އިންސައްތަ ކުލީގެ އަގު ކުޑަވާނެކަމަށް ލަފާކުރެވޭކަމަށެވެ. ގެދޮރުގެ ކުއްޔާ ގުޅޭގޮތުން ޒުވާނުން ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ޒުވާނުން ޤައުމީ ކަންކަމުގައި ވިސްނާ އެކި ކަންކަމުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސުވާލުކުރުމުން އެކަމާ އުފާކުރައްވާކަމަށެވެ.

ޒުވާނުންނަށް ހުރި ފުރުޞަތުތަކާއި ރާއްޖެއަށްހުރި ތަރައްޤީގެ ފުރުސަތުތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ކޮންޓެއިނަރ އުފުލާ ބޯޓުތަކާއި ތެޔޮ އުފުލާ ޓޭންކަރުތަކުން ރާއްޖެއަށް ޢާމްދަނީ ހޯދުމަށް މަސައްކަތްކުރަމުންގެންދަވާކަމަށެވެ.  އަދި އެއީ ޤައުމުގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ރައިސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމަކަށް ކުރައްވަމުންގެންދަވާ މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ޕޯޓުތައް ޤާއިމްކުރުމުގެ ވިސްނުންފުޅު ރައިސް ޔާމީން ގެންގުޅުއްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

މި ޓޯކްޝޯވްގައި މިނިސްޓަރ ސަޢީދު ވިދާޅުވީ އިދިކޮޅުބައެއް ފަރާތްތަކުން ޗައިނާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާތީ ސަރުކާރަށް ފާޑު ކިޔަމުންދާއިރު، އެފަރާތްތަކގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތްކަމަށެވެ. ސަބަބަކީ ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިޞާދުކަމަށާއި ގަތްގަނޑަކަށް މުޅިދުނިޔެގެ އިގްތިޞާދުގެ 30 އިންސައްތަ ހިއްސާއަކީ ޗައިނާކަމަށެވެ.

"ދަ ޑައިލޮގް" ޓޯކްޝޯވްއަކީ ޤައުމުގެ ޙާލަތާއި ޒުވާނުންނަށް ހުރި ފުރުސަތުތަކާއި، ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކާއި ގުޅޭގޮތުން ދައުލަތުގެ ކަމާ ގުޅޭ ދާއިރާތަކުގެ ބޭފުޅުންނާ ސުވާލުކޮށް ޝުޢޫރުފާޅުކުރެވޭނެފަދަ ޕްލެޓްފޯމެއް ޤާއިމްކޮށްދިނުމަށް ޕަބްލިކް ސަރވިސް މީޑިއާއާއި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމެންޓުން ކުރިއަށްގެންދާ ޓޯކްޝޯވއެކެވެ.