ނޭޝަނަލް ޕޭޝަންޓް ސޭފްޓީ އެންޑް އިންފެކްޝަން ކޮންޓްރޯލް ކޮމިޓީ އިފްތިތާޙްކޮށްފިއެވެ. މި ކޮމިޓީ އިފްތިތާޙްކޮށް ދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
މިކޮމިޓީއަކީ ބަލިމީހުނަށް ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ބަލާ ޙައްގުތައް ޙިމާޔަތްކޮށްދިނުމަށް ޤައުމީ ފެންވަރުގައި ފަށާ މަސައްކަތެކެވެ. މިކޮމިޓީގައި ކަމާގުޅޭ ދާއިރާތަކުން ބޭފުޅުން ހިމެނެއެވެ. އެގޮތުން ޢާއްމުން ތަމްސީލުކުރާނެ މެމްބަރަކުވެސް ހިމެނޭނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މިކޮމެޓީން ހެލްތް މިނިސްޓްރީން އެކުލަވާލި ހެލްތް ސްޓޭންޑަޑްތަކުގެ މައްޗަށް ބިނާކޮށް ސިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ އުސޫލުތައް ހެދުމާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުން މިއުސޫލުތަކަށް ޢަމަލުކުރޭތޯ ބަލާ ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް ފަލާދޭނެއެވެ. އަދި މި ކޮމިޓީން ޢާއްމުންގެ ފަރާތުން ސިއްޙީ ޚިދުމަތް ރަނގަޅުކުރުމަށް ލަފާ ހޯދާ އެކަންކަން ރަނގަޅު ކުރާނެ ގޮތް ހޯދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ނޭޝަނަލް ޕޭޝަންޓް ސޭފްޓީ އެންޑް އިންފެކްޝަން ކޮންޓްރޯލް ކޮމިޓީ އިފްތިތާޙް ކޮށްދެއްވާ ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ޚިދުމަތުގައި ހުރި މައްސަލަތައް ޙައްލުކުރުން ފިޔަވާ އިތުރު ކަމެއް މިދާއިރާގައި ކުރަން ނެތްކަމަށެވެ.
ސިއްޙީ ދާއިރަގައި ކަނޑައަޅާ ފައިވާ އެންމެ މުހިއްމު އެއް ލަނޑުދަނޑިއަކީ ދެވޭ ޚިދުމަތަކީ ރައްކާތެރި ފެންވަރު ރަނގަޅު ޚިދުމަތަކަށް ހެދުމެވެ. މިލަނޑުދަނޑިއަށް ވާސިލުވުމަށް ހެލްތް މިނިސްޓްރީން ދަނީ އެކި ފެންވަރުގައި މަސައްކަތްކުރަމުންނެވެ.