ޚަބަރު

ނައިފަރުގެ ޒުވާނުން ސަރުކާރަށް ތަޢީދު ކުރާކަން ހާމަކޮށްފި


ނައިފަރު ދާއިރާގެ ޒުވާނުންނަކީ އަބަދުވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ތިބި ބައެއްކަން އެދާއިރާގެ ޒުވާނުން މިއަދު ސާބިތުކޮށްދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތާޢީދުކުރުމުގެ ގޮތުން މިރޭ ނައިފަރުގައި ބޭއްވި ޖަލްސާއާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ވިދާޅުވީ މިރޭގެ ޖަލްސާއާއި އީއްޔެ ބޭއްވި ސައިކަލް ބުރަކީ ނައިފަރު ޒުވާނުން އިސްނައިގެން ކުރިއަށް ގެންދިޔަ ދެ ހަރަކާތްކަމަށެވެ. ނައިފަރުގައި ކުރިއަށް ގެންދިޔަ މިހަރަކާތްތަކުން ރައީސް އަބްދުﷲ ޔާމީންއަކީ ޒުވާނުންގެ ރައީސެއްކަން ނައިފަރުގެ ޒުވާނުން ބަލައި ގަނެފައިވާކަން ހާމަ ވާކަމަށެވެ. އަދި މީގެ ކުރިން މިފަދަ ހަރަކާތްތަކުގައި ނޫޅޭ ފަރާތްތަކުންވެސް މިއަދު ނިކުމެ ރައީސް ޔާމީނަށް ތާޢީދު ކުރަމުންދާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.



ނައިފަރުގައި ބޭއްވި ޖަލްސާގައި ނައިފަރުގެ ޒުވާނުން އެމީހުންގެ ޝޫޢޫރު ފަޅުކުރިއެވެ. އަދި ރައީސް ޔާމީން އަށާއި ސަރުކާރަށް ތާޢީދުކުރާކަން ހާމަކޮށް ތަފާތު ޝޫޢޫރުތައް ފާޅުކުރިއެވެ. މީގެ އިތުރުން ސަރުކާރުން ގެންނަ ތަރައްގީ، ޙާއްޞަކޮށް ނައިފަރަށް ގެނެސްފައިވާ ތަރައްގީގެ ސަބަބުން އަދުގެ ޒުވާނުންގެ ލޯބި އެމަނިކުފާނަށް ލިބިފައިވާކަން ޒުވާނުން ހާމަކުރިއެވެ. ނައިފަރުގެ ޒުވާނުން ގުޅިގެން ކުރިއަށްގެންދިޔަ ޚާއްޞަ ޖަލްސާއާއި ސައިކަލް ބުރަކީ ސިލްސިލާކޮށް ކުރިއަށްދާނެ ހަރަކާތް ތަކެއްކަމަށާ ރައީސް އަބްދުﷲ ޔާމީންގެ ކުރައްވަމުންގެދަވާ މަސައްކަތްޕުޅަށް ހިއްވަރު ދިނުމުގެ ގޮތުން ނައިފަރުގެ ޒުވާނުން ގުޅިގެން ކުރިއަށްވެސް ވަރަށްގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށް ނައިފަރު ދާއިރާގެ މެމްބަރުން ވިދާޅުވިއެވެ.