ޚަބަރު

އެންމެ އަލިގަދަ ތަރި ޖޫނިއާރގެ އެއްވަނައަށް ތިން ލައްކަ ރުފިޔާ


އެންމެ އަލިގަދަ ތަރި ޖޫނިއަރ ޤްރުއާން މުބާރާތުގެ އެއްވަނައަށް ހޮވޭ ދަރިވަރަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައި އެ މުބާރާތް ރަމަޟާންމަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އެންމެ އަލިގަދަ ތަރި ޖޫނިއާރ ޤްރުއާން މުބާރާތާ ގުޅޭގޮތުން މުޙައްމަދު އިކްރާމް ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައިވަނީ އުމުރުން 8 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ކަމަށެވެ. އަދި މުބާރާތް ވެގެންދާނީ ބެލުންތެރިންނަށް ވަރަށް މަޤްބޫލް ފެންވަރު ރަނގަޅު މުބާރާތަކަށް ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

"މިއީ ކިޔަވާ ކުދިންގެ ތެރޭގައި ތިބި ޤްރުއާން ކިޔަވަން މޮޅު ތަޖުވީދު މަގަށް މޮޅު ދީނީ މަޢުލޫމާތަށް މޮޅު ކުދިންނަށް ވަރަށް ޚާއްސަ ޕްރޮގްރާމެއް. އަދި އެ އުމުރުފުރާގެ ކުދިންގެ ތެރެއިން އެންމެ އަލިގަދަ ޖޫނިއާއެއް މިފަހަރު އަޅުގަނޑުމެން ހޮވާނީ." ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ މިއަހަރުގެ މުބާރާތުން ވަނަވަނައަށް އަންނަ ކުދިން ވެގެންދާނީ ދީނީ ގޮތުންނާއި ތަޖުވީދުގެ ޢިލްމު އަދި ދީނީ އެކި ޝިއާރުތަކާއި ކީރިތި ޤްރުއާނުގެ ވާހަކަތައް އެނގިފައިވާ އެހެން ކުދިންނަށް ނަމޫނާ ދައްކުވައިދޭ ކުދިންތަކަކަށް ކަމަށެވެ.

img:http://s2.psmnews.mv/images/660x400/15074784988430.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް - ފޮޓޯ: ޕީއެސްއެމް

"މި މުބާރާތުގައި އަޅުގަނޑުމެން އެއްވަނައަށް ހޮވޭ ދަރިވަރަކަށް ތިން ލައްކަ ރުފިޔާ، ދެވަނައަށް އެއްލައްކަ ފަންސާސް ހާސް، އަދި ތިންވަނައަށް ހޮވޭ ދަރިވަރަކަށް ފަންސާސް ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ. މިއީ އަދި ހަމައެކަނި ޕީއެސްއެމްއިން ދޭ ހަދިޔާ. މި ނޫނަސް ހެޔޮއެދޭ އެކި ފަރާތްތަކުންވެސް މިހާރުވެސް އިނާމް ދިނުމަށް ދަނީ އަޅުގަނޑުމެންނާ ގުޅަމުން." އިކްރާމް ވިދާޅުވިއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ކޮންމެ ދުވަހަކުވެސް ކިޔަވާ ދަރިވަރުންގެ ތެރެއިން މޮޅު ދަރިވަރުން ފާހަގަކޮށް އެ ދަރިވަރުންނަށްވެސް ޚާއްސަ އިނާމްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ އަލިގަދަ ތަރި ޖޫނިއަރ ޤްރުއާން މުބާރާތަކީ ކީރިތި ޤްރުއާނާއި، ޤްރުއާނުގެ ޢިލްމާއި މަދަހަ ކިއުމާއި ތަޖްވީދު މަގަށް ކިޔެވުމުގެ ހުނަރުތައް ދަސްކޮށްދީ ވާދަވެރި މާހައުލެއް ދަރިވަރުންނަށް ހޯދައި ދިނުމަށް ޕީއެސްއެމްއިން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި މުބާރާތަށް އަހުލުވެރިކުރުމަށް ޚާއްސަ ހަރަކާތްތަކެއް ސްކޫލްތަކުގައި ފެށުމަށް ޕީއެސްއެމް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.