ޚަބަރު

"ސިޔާސަތާ އެއްގޮތަށް ކައުންސިލްތަކުން ޚިދުމަތް ދިނުން މުހިއްމު"


ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ސިޔާސީ ތަފާތުކުރުމެއްނެތި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ފޮރުކޮށްދެވޭ ޚިދުމަތްތަކަށް ވުމަކީ މުހިއްމު ކަމެއްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙުމަދު ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚިތޯބުގައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާނޫނުގެ ދަށުން ލިބިގެންދާ ފުރުޞަތުގެ ބޭނުން ކައުންސިލްތަކުން އެންމެ ޒިންމާދާރު ގޮތެއްގައި ހިފުމަކީ މި ނިޒާމްގެ ފޮނި މީރުކަށް ރައްޔިތުންނަށް ލިބޭނެ މުހިއްމު ކަމެއްކަމަށް ފާހަގަކޮށްފައެވެ. ޤާނޫނީ ހިޔާލިބިގެން ރަސްމީ ސިފައެއްގައި ރާއްޖޭގައި އިދާރީ ދާއިރާތައް ހިންގަން ފެށީ  2011 ވަނަ އަހރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

މިނިސްޓަރ އަޒްލީން ވަނީ  ކައުންސިލްތަކުން ޤާނޫނާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއިއެކު ދިވެހި ދަޢުލަތަކީ ޔުނިޓަރީ ދަޢުލަތެއްކަމަށް ޤާނޫނު އަސާސީގައި ބުނާ މަފްހޫމުގައިވާ ގޮތަށް މަސައްކަތްތަކާއި ހަރަކާތްތައް ބައްޓަންކޮށް ކުރިއަށްގެންދިޔުމަށް އިލްތިމާސްކޮށްފައެވެ.

ލާމަރުކަޒީ ނިޒާމް ޚަރުދަނާ ކުރުމަށް ލޯކަލް ޤަވަރމަންޓް އޮތޯރިޓިން ކުރަމުންދާ މަސައްކަތަތްކުގެ ތެރޭގައި ފަސް އަހަރުދުވަހުގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ނުވަ ސިޔާސަތެއް ކަނޑައަޅާ އެ އަމާޒަށް ވާސިލްވުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މި ސިޔާސަތުތަކުގެ ތެރޭގައި  ސިޔާސީ ގޮތުންނައި އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުމާއި ހިންގުމުގައި އަންހެނުންގެ ޙިއްސާ އިތުރުކުރުންފަދަ މުހިއްމު ސިޔާސަތުތައް ހިމެނެއެވެ.

މިނިސްޓަރގެ ޚިތާބުގައި ވަނީ 2030ގެ ނިޔަލަށް އ.ދ އިން ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކައުންސިލްތައް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއްގެގޮތުގައި ފާހަގަކޮށްފައެވެ. އަދި  މާލީ ގޮތުން ލާމަރުކަޒު ކުރުމާއި މާލީ ނަފާވެރިކަން ކައުންސިލްތަކަށް ހޯދައިދިނުމަކީ އެ އޮތޯރިޓީގެ މުހިއްމު އަމާޒެއްކަންވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފައިނޭންސް މޮޑިއުލް ތައްޔާރުކޮށް މިއަހަރުގެ ތެރޭގައި ހުރިހާ ކައުންސިލްތަކެއްގައި ހިސާބުކިތާބު ބެލެހެއްޓުން މި މޮޑިއުލްއާއި އެއްގޮތަށް ތަރުތީބު ކުރާނެކަމަށާއި މި މަސައްކަތް ވެގެންދާނީ މަލީ ގޮތުން ލާމަރުކަޒު ކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.