ކަސްޓަމަރުންނަށް އަމިއްލައަށް ފަރުމާކޮށްލެވޭ ގިފްޓްކާޑެއް ބޭންކް އޮފް މޯލްޑިވްސްއިން ތަޢާރަފްކޮށްފިއެވެ.
މި ކާޑު ތަޢާރަފް ކުރީ ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ. ބީއެމްއެލްއިން ފުރަތަމަ ގިފްޓް ކާޑް ތަޢާރަފްކުރީ މީގެ ދެ އަހަރު ކުރިން މޯލްޑިވިއަން އައިޑޮލްގެ ޝޯގެ ތެރެއިންނެވެ.
މިއަދު ތަޢާރަފް ކުރި ކާޑު ފަރުމާކުރެވޭނީ ބޭންކުގެ ވެބްސައިޓްގައި ހިމެނޭ މިކަމަށް ޚާއްޞަ ޕޯޓަލްއެއް މެދުވެރިކޮށްކަމަށް ބީއެމްއެލް އިން ބުނެއެވެ. މި ގޮތުން މި ޕޯޓަލް ފަރުމާކޮށްފައިވަނީ ކާޑުގައި ހިމަނަން ބޭނުންވާ ފޮޓޯއާއި، މުނާސަބަތާ ގުޅޭ މެސެޖްވެސް ޚިޔާރުކުރެވޭގޮތަށެވެ. އަދި ކާޑަށް އަޅަން ބޭނުންވާ ފައިސާގެ ޢަދަދުވެސް ކަސްޓަމަރު އަމިއްލަ އަށް ކަނޑައެޅޭނެކަމަށާއި ކާޑު ތައްޔާރުވުމުން މާލޭގައި ނަމަ ކަސްޓަމަރ ސަރވިސް ސެންޓަރުން، އަދި އެހެން ރަށެއްގައިނަމަ ބޭންކުގެ ބްރާންޗަކުން ކާޑު ދޫކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް ގިފްޓް ކާޑަކީ ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ފައިސާ ބޭނުންކުރެވޭ ގޮތަށް ގަންނަ ވަގުތުން ފެށިގެން ބޭނުންކުރެވޭ ކާޑެކެވެ. ގިފްޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމަށް ރާއްޖޭގެ އެންމެ ބޮޑު ޕީއޯއެސް ނެޓްވޯކްކަމުގައިވާ ބީއެމްއެލް ޕީއޯއެސް މެޝިން ބޭނުންކުރެވޭނެއެވެ.
އަމިއްލައަށް ޑިޒައިންކުރާ ގޮތަށްހަދައި ތަޢާރަފް ކުރި މިގިފްޓް ކާޑަކީ ބީއެމްއެލްއިން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށްގެންދާ އަހަރެންގެ ބޭންކުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ހަރަކާތެވެ.