ކުޅިވަރު

ކްލަބް މޯލްޑިވްސްކަޕްގައި ވަރުގަދަ 4 ޓީމް އެއް ގްރޫޕެއްގައި!


މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި ވަރުގަދަ ހަތަރު ޓީމު ކަމުގައިވާ އެސް.ޓީ.އޯ އާއި އިމިގްރޭޝަން އަދި އެމް.ޓީ.ސީ.ސީ އާއި ވެމްކޯ އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި މިއަހަރުވެސް 32 ޓީމް ވާދަކުރާނެއެވެ. މުބާރާތުގައި ބައިވެރިވި ތިރީސް ދެޓީމު ވަނީ އަށް ގްރޫޕަކަށް ބަހާލާފައެވެ. އެގޮތުން މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ކްލަބް އެމް.އާރު.ޑީ.ސީ ލައްވާލާފައިވަނީ ގްރޫޕް އީގައެވެ. އެމް.އާރު.ޑީސީގެ އިތުރުން ގްރޫޕް އީގައި ދެން ހިމެނުނީ އާސަންދަ، ތައުލީމީ ގުޅުން އަދި އުރީދޫއެވެ.

އެންމެ ފަހު ރަނަރަޕް އެމް.ޕީއެލް އާއެކު ގްރޫޕް އޭގައި ހިމެނުނީ ސިވިލް ކޯޓް، ޓީ.ސީ.އެލް އަދި މީޑިއާނެޓްއެވެ. މުބާރާތް ކުރިޔަށްދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ދެވަނަ ބުރަށް ދާގޮތަށެވެ

އެއިޓީން ތާޓީން ވިމެންސް ފުޓްސަލް ފިއެސްޓާގައި މި އަހަރު ބައިވެރިވި ނުވަ ޓީމު ވަނީ ތިން ގްރޫޕަކަށް ބަހާލާފައެވެ. އެގޮތުން އެންމެ ފަހުގެ ޗެންޕިއަން ފެނަކަ ލައްވާލާފައިވަނީ ގްރޫޕް ބީގައެވެ. ފެނަކައާއެކު ގްރޫޕް ބީގައި ދެން ހިމެނޭ އަނެއް ދެޓީމަކީ އުރީދޫ އާއި މޯލްޑިވިއަންއެވެ. ވިމެންސް ފުޓްސަލް ފިއެސްޓާގެ އެންމެ ފަހުގެ ރަނަރަޕް ޓީމް ކަމަށްވާ ދިވެހި ސިފައިންގެ ކްލަބް މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. 

ކްލަބް މޯލްޑިވްސް ކަޕް ކުރިޔަށްދާނީ މާރޗް މަހުގެ 18 އިން އޭޕްރިލް 18 ގެ ނިޔަލަށެވެ. މިއީ ކްލަބް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން މި މުބާރާތް ކުރިޔަށްގެންދާ ތޭރަ ވަނަ އަހަރެވެ. އަދި އެއިޓީން ތާޓީން ވިމެންސް ފުޓްސަލް ފިއެސްޓާ ކުރިޔަށްގެންދާ އަށްވަނަ އަހަރެވެ.

ގްރޫޕްތައް ބެހިފައިވާގޮތް:

ގްރޫޕް އޭ: އެމްޕީއެލް، ސިވިލްކޯޓް، ޓީސީއެލް، މީޑިއާނެޓް

ގްރޫޕް ބީ: ބީއެމްއެލް، އެޗްޑީސީ، މޯލްޑިވްސް މީޑިއާ ކްލަބް، އިސްލާމިކް އެފެއާރސް

ގްރޫޕް ސީ: ފެނަކަ، ޕޮލިސް، އެފް.އެސް.އެމް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

ގްރޫޕް ޑީ: ހައުސިންގ، ކަސްޓަމްސް، ދިރާގު، މޯލްޑިވްސް ގޭސް

ގްރޫޕް އީ: އެމް.އާރު.ޑީ.ސީ، އާސަންދަ، ތައުލީމީ ގުޅުން، އުރީދޫ

ގްރޫޕް އެފް:ސްޓެލްކޯ، މޯލްޑިވިއަން، އެމް.އެމް.އޭ، ފެން ކްލަބް

ގްރޫޕް ޖީ: އެސް.ޓީ.އޯ، އެމް.ޓީ.ސީ.ސީ، އިމިގްރޭޝަން، ވެމްކޯ

ގްރޫޕް އެޗް: އެލައިޑް، ޕްރިޒަންސް، ހޯމް އެފެއާރސް، އިކޮނޮމިކް ޑިވެލޮޕްމަންޓް