ކަނބަލުންނަށް ޚާއްސަ ލޯން ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 8 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ލޯނަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މުއްދަތުހަމަވިއިރުވެސް ގިނަ ބަޔަކު ބައިވެރިކުރުމަށް އެދި އެ މިނިސްޓްރީއަށް ހުށަހަޅަމުންދާތީ އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ކުރިން ލޯނަށް އެދި ހުށައެޅުމުގެ އެނެމް ފަހުގެ ތާރީޚެއްގެގޮތުގައި ކަޑައަޅާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ މި ލޯނަކީ ރާއްޖޭގައި އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ޚާއްޞަ ކޮށްގެން ހުޅުވާލާ ލޯން ސްކީމެއްކަމަށެވެ. އަލަށް ފަށާ ވިޔަފާރިއެއް ނުވަތަ ރަޖިސްޓްރީކޮށް ހިނގަމުން އަންނަ ވިޔަފާރިތަކަށް ހުރިހާ ދާއިރާއަކަށްވެސް މި ސްކީމްގައި ބައިވެރިވެނެކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ. މި ލޯން ސްކީމްގެ ޖުމުލަ ޢަދަދަކީ ވިހި މިލިޔަން ސާޅީސް ހަ ހާސް ރުފިޔާއެވެ. މިނިސްޓްރީން ބުނީ މި ޢަދަދު ހަމަވަންދެން ފަންސާސް ހާސް ރުފިޔާއިން ފެށިގެން ސަތޭކާ ހާސް ރުފިޔާ އާއި ދެމެދުގެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެެ.
ލޯން ސްކީމްގައި އަމިއްލަ ފައިސާއިން ޚަރަދުކުރަންޖެހެނީ މުޅި ޕްރޮޖެކްޓްގެ ފަނަރަ އިންސައްތައެވެ. މި ގޮތުން މިހާތަނަށް ޕްރޮޖެކްޓަށް އަމިއްލަ ފައިސާ ޚަރަދުކޮށްފައިވާނަމަ އަމިއްލައަށް ކޮށްފައިވާ ޚަރަދުތަކުގެ ބިލުތައް އިކޮނަމިކް މިނިސްޓްރީއަށް ހުށައަޅަން ޖެހެއެވެ.
މި ލޯނުގެ އިންޓްރެސް ރޭޓަކީ ނުވަ އިންސައްތައެވެ. އަދި ގިނަވެގެން އަށް އަހަރުދުވަހުގެ ތެރޭގައި ލޯން ދައްކައި ޚަލާސް ކުރަންޖެހެއެވެ.
ލޯނަށް އެދޭ ފޯމް އިކޮނަމިކް މިނިސްޓްރީގެ އިތުރުން ހަ ރަށެއްގެ ބިޒްނަސް ސެންޓަރުތަކުން ބަލައިގަންނާނެއެވެ. ކުޅުދުއްފުއްޓާއި ކުޑަހުވަދޫއާއި ފޮނަދޫއާއި ނައިފަރާއި ތިނަދޫގެ އިތުރުން ހިތާދޫގައި އިކޮނަމިކް މިނިސްޓްރީން ވަނީ ބިޒްނަސް ސެންޓަރުތައް ޤާއިމުކޮށްފައެވެ.