ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުވެގެންދާނީ އައްޑޫ ސިޓީގައި ޤާއިމްކުރާ ވޭސްޓް މެނޭޖްމެންޓް ސެންޓަރާއެކުގައިކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލައެވެ. ރާއްޖެ އެކި ޒޯންތަކަކަށް ބަހާލައިގެން މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ފުވައްމުލައްސިޓީގެ ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިންދަނީ ކުރަމުންނެވެ. ފުވައްމުލައް ސިޓީގައި ޤާއިމްކުރާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ބަހައްޓާ އިންސިނެރޭޓަރުތައް ހޯދުމަށް މިހާރުވަނީ އިޢުލާންކޮށްފައެވެ. މިމަސައްކަތަށް ބޭނުންވާ ޑިޒައިން މަސައްކަތް ނިމިފައިވާއިރު ޢަމަލީ މަސައްކަތް ކައިރި މުސްތަޤުބަލެއްގައި ފަށާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރަހީމް ވިދާޅުވީ ފުވައްމުލައްސިޓީގެ ކުނި ކޮށިތައް ފުރި ކުނީގެ މައްސަލަ ބޮޑުވެފައިވާއިރު އެކަމަށް ވަރަށް އަވަހަށް އެކަށީގެންވާ ޙައްލު ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދިމާވެފައިވަނީ މީގެ ކުރިން ރަނގަޅަށް ކުނީގެ މައްސަލަ ބަލައި ޙައްލުކުރަން އެކަށީގެންވާ މަސައްކަތްތައް ކޮށްފައި ނުވާތީ ދިމާވެގެން އުޅޭ މައްސަލައެއްކަމަށެވެ. އަދި ކުނީގެ މައްސަލަ ޙައްލުކުރުމަށް ބޮޑެތި ގޮންޖެހުންތައް ހުރިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
"ރަނގަޅު ޚިދުމަތް ފުވައްމުލަކުގައި ފެށުމަށް ބޭނުންވާ އިކުއިޕްމެންޓްވަނީ މިހާރު އެކޮޅަށް ފޮނުވިފައި. މިހާރު ހުރި ކުނީގެ ތެރޭގައި ނައްތާލަންޖެހޭ ކުންޏާއި ރަށުން ބޭރުކުރަންޖެހޭ ކުނި އެބަހުރި. މިހާރުވެސް ކޮންމެވެސް ވަރަކަށް ދަނގަޑުގެ ބާވަތްތައް ބޭރުކުރަމުންދަނީ." މިނިސްޓަރު ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގައި ކުނި ބޭނުންކޮށްގެން ކާދު ތައްޔާރުކުރުމުގެ ވަރކްޝޮޕްތަކެއް މި މަހުގެރޭ ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. އެމިނިސްޓްރީން ބުނީ ފުވައްމުލައްސިޓީގެ ކުނިކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި އައްޑޫގައި ޤާއިމްކުރާ ރީޖަނަލް ވޭސްޓް މެނެޖް މެނޓް ސެންޓަރާއި ފުވައްމުލައްސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށުމުން އެޕްރީލް މަސްތެރޭގައި އެސިޓީގެ ކުނީގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް އެނަވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.