ތަޢުލީމު

ޓިވެޓުން ކޯޑިންގ ކިޔަވާ ދަރިވަރުންނަށް ފަސޭހަ އިންތިޒާމްތަކެއް


ކޮމްޕިއުޓަރ ކޯޑިންގ ކިޔަވާ ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީން ބުނެފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގަމުން އަންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ، ޓިވެޓް ގެ ޑިރެކްޓަރ އައިމިނަތު އާސްރާ ވިދާޅުވީ ކޯޑިންގ ދަސްކޮސްދިނުމުގެ ޕްރޮގްރާމްތައް މިވަގުތު ވަކިތަނެއްގައި ކުރިއަށްގެންދިޔަނަމަވެސް، ދަރިވަރުންނަށް ގޭގައި ތިބެގެންވެސް ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޓިވެޓުން ހިންގާ އެހެން ކޯސްތަކާ އެއްގޮތަށް މި ޕްރޮގްރާމަށްވެސް ތަރުޚީބު ލިބެމުންދާކަމަށާއި މިހާރުވެސް 300 އަށްވުރެ ގިނަ ކުދިން ކިޔަވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަސްރާ ވިދާޅުވީ ޓިވެޓުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ނަރސިން ނޫން އެހެން ޕްރޮގްރާމްތަކޭ އެއްގޮތަށް މި ޕްރޮގްރާމްގައިވެސް ވަކި ބެޗެއް ނޯނާނެކަމަށް. އަދި ކިޔަވަންބޭނުވާ ދަރިވަރަށް ވަކިންވެސް ކްލާސް ނަގައިދޭކަން އާސްރާ ފާހަގަކުރެއްވިއެވެ. އާސްރާ ވިދާޅުވީ މި ޕްރޮގްރާމަކީ ޒުވާނުންނަށް ރަނގަޅު ޢާމްދަނީއެއް ހޯދުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށެވެ.

" މިވަގުތު  ވަކިތަނެއްގައި ކުރިއަށްގެންދިޔަނަމަވެސް، ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދަނީ. އަޅުގަނޑުމެންގެ ޒުވާނުންނަކީ މިދާއިރާގައި މަސައްކަތްކުރާ ބަޔަކަށްވެއްޖެނަމަ ޤައުމުގެ ޖީޑީޕީއަށް ރަނގަޅު ބަދަލެއް އައުން އެކަށީގެންވޭ" އާސްރާ ވިދާޅުވިއެވެ.

އާސްރާ ވިދާޅުވީ ޓެކްނޮލަޖީއާ މިހާ ރައްޓެހި ޒަމާނެއްގައި، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދާ ގުޅުންހުރި އެކި ދާއިރާތަކަށް މި ދާއިރާއިން ތަޢުލީމް ޙާސިލްކޮށްގެންތިބި މީހުންގެ ބޭނުން ބޮޑުވާނެކަމަށެވެ. 

ކޮމްޕިއުޓަރ ކޯޑިން އަކީ އެކި ކަންކަމަށް ބޭނުންވާ ކޮމްޕިއުޓަރ ޕްރޮގްރާމް އުފެއްދުމަށް ދަރިވަރުން އަހުލުވެރިކުރުމާއި އުފެއްދުންތެރި މަސައްކަތްތަކެއް ޒުވާނުންނަށް ދަސްކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޒުވާނުންނަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ސްކޫލުގައި ދަރިވަރުންނާއި އެކި އުމުރުފުރައިގެ މީހުންވެސް ބައިވެރިވާކަމަށް ޓިވެޓުން ބުނެއެވެ.

ކޯޑިން ކިޔަވައިދިނުމަށް މަޖީދިއްޔާ ސްކޫލްގައިވެސް މިދިޔަ އަހަރު ވަނީ ކޯޑިން ލެބެއް ހުޅުވާފައެވެ. ސޮފްޓްވެއަރ އުފެއްދުމާއި ކޯޑުކުރަން 1000 ދަރިވަރުން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.