ކުއްލި ޙާލަތުގައި ބަލިމީހުން އުފުލުމަށް އެމްއެންޑީއެފުން ބޭނުންކުރާ ކުރަނގި ހެލިކޮޕްޓަރުގެ ޚިދުމަތަކީ ރާއްޖެއާ އިންޑިއާއާއި ދެމެދު އޮތް ރީތި ގުޅުން ދައްކުވައިދޭކަމެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ޢަސާސީ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުގެ ހުރިހާ މުޢައްސަސާއެއް އެކުގައި މަސައްކަތްކޮށް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ. ތ. ތިމަރަފުށީ ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދިޔަ ޙާލުބޮޑު މީހާ މާލެ ގެނެސްފައިވަނީ ތިމަރަފުށިން ބެއްލެވި ޑޮކްޓަރުންގެ ލަފާގެމަތިންކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމީހާ އެމްއެންޑީއެފުގެ ހެލިކޮޕްޓަރުގައި މާލެ ގެނެސްފައިވާއިރު ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުވަނީ، އުސްފަސްގަނޑު ހެލިޕޭޑު ސަރަޙައްދަށް ވަޑައިގެން ބަލިމީހާއާއި ބަލިމީހާގެ ޢާއިލާއާ ބައްދަލުކުރައްވާފައެވެ. އިތުރު ފަރުވާއަށް މާލެ ގެނައި މީހާއަކީ އުމުރުން 89 އަހަރުގެ ފިރިހެނެކެވެ. ބަލި މީހާގެ ޢާއިލާއާއި ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ހުރިހައި ޚިދްމަތެއްވެސް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އަސްކަރިއްޔާގެ ހުރިހާ ވަޞީލަތެއް ބޭނުންކުރަމުންދާނެކަމަށެވެ. އަދި އާއްމު ފަރުދަކު ސީރިއަސްވެ، ޑޮކްޓަރުން އިތުރު ފަރުވާއަށް އިރުޝާދު ދީފައިވާނަމަ އެދަނޑިވަޅެއްގައި އާސަންދަ ހަމަނުޖެހުނަސް އެމީހަކު ހެލިކޮޕްޓަރުން މާލެ ގެނެސްދިނުމުގެ އިންތިޒާމު އެމްއެންޑީއެފުން ހަމަޖައްސާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިއީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އޮންނަ ރީތި ގުޅުން ވަރަށް ރަނގަޅަށް ހާމަކޮށްދޭކަމެއް. ދައުލަތުން މަސައްކަތްކުރަމުންދަނީ ރައްޔިތުންނަށް ދެވެން އޮތް ހުރިހާ ޚިދުމަތެއް ވީހާވެސް ރަނގަޅަކަށް ރައްޔިތުންނަސް ފޯރުކޮށްދިނުންކަމަށް ވާއިރު މި ޚިދުމަތް ދެވުމަކީ ދިވެހި ރައްޔިތުންނަށްވެސް އަދި އިންޑިއާ ރައްޔިތުންނަށްވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ޔަގީން." ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިހާރު ގިނަ ޢަދަދެއްގެ އެއަރޕޯޓުތައް ތަރައްޤީ ކުރަމުންދާއިރު ކުރިއަށް އޮތްތަނުގައި ހެލިކޮޕްޓަރުގެ ޚިދުމަތް އިތުރަށް ފުޅާ ކުރެވޭނެކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުން ކުއްލި ޙާލަތުގައި މާލެ ގެންނަންޖެހޭ ބަލިމީހުން ގެނައުމަށް އެމްއެންޑީއެފުން ބޭނުންކުރާ ކުރަނގި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށި އިރު މާލޭގައި ހެލިޕޭޑެއް ނެތުމުގެ ސަބަބުން ދަތިތަކެއް އޭރުކުރިމަތިވިއެވެ. އެހެންނަމަވެސް އުސްފަސްގަނޑު ސަރަޙައްދުގައި ހެލިޕޭޑުގެ ތަރައްޤީކުރުމާއެކު، ބަލިމީހުން ގޮވައިގެން ރަށްރަށުން ސީދާ މާލެއަށް ހެލިކޮޕްޓަރު ޖެއްސޭނެގޮތް މިހާރު ފަހިވެފައިވާކަމަށެވެ. މީގެކުރިން ހެލިކޮޕްޓަރުގައި ބަލި މީހުން ގެންނަނީ ހުޅުލެއަށް، އެއަށްފަހު މާލެ ގެންނަނީ ލޯންޗުގައެވެ.