ވިޔަފާރި

މިިދިޔަމަހު އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިއްޖެ


މިދިޔަ ފެބުރުއަރީމަހު މިރާ މެދުވެރިކޮށް އާމްދަނީގެ ގޮތުގައި ދައުލަތައް 1.3 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، (މީރާ)އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ބަޔާނުގައިވާ ގޮތުން މިިދޔަ މަހު ލިބުނު އާއްމަދޏިގެ އަދަދު 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހަށްވުރެ %19.4 އިތުރުވެފައިވާކަމަށެވެ.

މިދިޔަ ފެބުރުއަރީމަހު ދައުލަތައް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ މަހު ލިބޭނެކަމަށް ލަފާކުރި އަދަދަށްވުރެ %27.9 އިތުރުވުމެކެވެ.

މީރާއިން ބުނީ މިދިޔަމަހު އާމުދަނީ އިތުރުވާން މެދުވެރިވީ ޖީއެސްޓީ، ބީޕީޓީ، ގްރީންޓެކްސްގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ އަދަދު އިތުރުވުންކަމަށެވެ.

މިިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޓޫރިޒަމް ޖީއެސްޓީންނެވެ. މިދިޔަ މަހު ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 588.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، އާއްމު ޖީއެސްޓީގެ ގޮތުގައި ވަނީ 211.9 މިލިއަން ރުފިޔާ ލިބިފައެވެ.

ބީޕީޓީގެ ގޮތުގައި މިދިޔަ މަހު 85.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީންޓެކްސްގެ ގޮތުގައި ވަނީ 77.3 މިލިއަން ރުފިޔާ ލިބިފައެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވަނީ65.6  މިލިއަން ރުފިޔާ ލިބިފައެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ދައުލަތައް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވަނީ, އެމަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުންނެވެ.