ދުނިޔެ

ޕާކިސްތާނުގެ ޑިޕްލޮމޭޓުންނަށް އިންޑިއާއިން ޖެއްސުންކުރަނީ


އިންޑިއާގައި ތިބޭ ޕާކިސްތާނުގެ ޑިޕްލޮމޭޓުންނަށް އިންޑިއާއިން ޖެއްސުންކުރަމުންދާކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުން ޕާކިސްތާނުން ވަނީ މިކަން ރަސްމީކޮށް އިންޑިއާގެ ޚާރިޖީ ވުޒާރައަށާއި ޕާކިސްތާނުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް ހުށަހަޅާފައެވެ.

ޕާކިސްތާނުގެ ޚާރިޖިއްޔާގެ އޮފިޝަލަކު ވިދާޅުވީ އިންޑިއާގައި ތިބޭ ޕާކިސްތާނުގެ ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ތަކުރާރުކޮށް ޖެއްސުންކުރުމުގެ އަމަލުތައް އިންޑިއާއިން ހިންގަމުންދާކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންޑިއާގައި ތިބުމަށްވެސް ޑިޕްލޮމޭޓުންގެ ޢާއިލާތަކަށް ދަތިވެފައިވާކަން ޕާކިސްތާނުގެ ޚާރިޖިއްޔާގެ އޮފިޝަލު ވިދާޅުވިއެވެ.

ޚަބަރުތައް ބުނާގޮތުން އިންޑިއާގައި ހުންނަ ޕާކިސްތާނުގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ދަރިންނަށް ޖެއްސުންކުރުމުގެ އަމަލުތަކެއް 3 ދުވަހެއްގެ މަތިން ހިނގާފައިވާއިރު، ޑިޕްލޮމެޓިކް ބޭފުޅުން ދުއްވާ ވެހިކަލްތައް ހުއްޓުވާ ތަކުރާރުކޮށް ދަނީ ޗެކްކުރަމުންނެވެ. މީގެ އިތުރުން އިންޑިއާގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނުގައި މަސައްކަތްކުރާ އިންޑިއާ މުވައްޒަފުން ވަޒީފާއަށް އައުންވެސް ހުއްޓުވާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑިއާއި ޕާކިސްތާނާއި ދެމެދު ބޮޑެތި މައްސަލަތައް އޮންނައިރު، އިންޑިއާގެ ވެރިކަމަށް މިހާރު ވެރިކަންކުރާ މޯދީގެ ސަރުކާރު އައި ފަހުން މިގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.