ޚަބަރު

ރޮހިންޔާ ފަންޑަށް ލިބުނު ފައިސާއަށް ހިޔާނާތެއް ނުވަން - ޑރ ޒިޔާދު


ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުގެ ފަރާތުން ކުރިޔަށް ގެންދިޔަ ފަންޑަށް ލިބުނު ފައިސާތައް ސަރުކާރުގެ އެއްވެސް އެކައުންޓެއްގައި ނުހުންނާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޒިޔާދު ވިދާޅުވީ ރޮހިންޔާ ފަންޑަށް ލިބުނު ފައިސާ އެކަމަށް ހާއްސަކުރި އެކައުންޓަށް ޖަމާކޮށް ފައިވާކަމަށެވެ. 

މިޔަންމާ ސިފައިންގެ ހިންގި ލާ އިންސާނީ އަމަލުތަކާއި ގުޅިގެން ހާލުގައި ޖެހުނު މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިޔަށް ގެންދިޔަ ފަންޑަށް ލިބުނު ފައިސާތަކެއް ވީގޮތެއް ނޭގޭކަމަށް ބުނެ ދެކެވުނު ވާހަކަތައް އިސްލާމިކް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ. އެ ވާހަތަކަށް ރައްދުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ އެދަފަ ވާހަކަތައް ބަޔަކު ދެއްކަމުން ގެންދަނީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމަށެވެ. އަދި އެއީ ބަޔަކު ގަސްތުގައި ރާވައިގެން ހިންގާ އަމަލެއްކަމަށެވެ. 

އިސްލާމިކް މިނިސްޓަރ ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ހުޅުވި  ފަންޑަށް ލިބުނު އެއްވެސް ފައިސާއެއް ސަރުކާރުގެ އެއްވެސް އެކައުންޓަކަށް ޖަމާކޮށްފައި ނުވާނެކަމަށެވެ. އަދި އެފަންޑަށް ލިބުނު ފައިސާ ޖަމާކޮށްފައިވަނީ ރޮހިންޔާ ފަންޑުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެކައުންޓަށްކަމަށެވެ. 

" ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުގެ ފަރާތުން ކުރިޔަށް ގެންދިޔަ ފަންޑަށް ލިބުނު ފައިސާތައް ސަރުކާރުގެ އެއްވެސް އެކައުންޓެއްގައި ނުހުންނާނެ. ރޮހިންޔާގެ މުސްލިމުންނަށް އެހީވުމަށް ބީ.އެމް.އެލްގައި ޚާއްސަ އެކައުންޓެން ހުޅުވައި އެ އެކައުންޓަށް ފައިސާ  ވަގުތުން ވަގުތައް ޖަމާކުރަމުންދިޔައީ. ފައިސާ ގުނުމުގައި އެހީތެރިކަން ފޯރުކޮށްދިނީ މީރާއިން. " ޑރ.އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ހުޅުވި ފަންޑަށް 18.1 މިލިޔަން ރުފިޔާ ލިބިފައިވާކަމަށާއި މީގެ ތެރޭގައި ނަޤުދުގެ ފައިސާގެ ގޮތުގައި ލިބުނު ފައިސާ އާއި އެކިއެކި ވިޔަފާރިވެރިންނާއި ކުންފުނިތަކުން ދޭނެކަމަށް ބުނި ފައިސާވެސް ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ފައިސާތައް ހަމަކުރުމަށްފަހު އެ ފައިސާތައް ބަންގްލަދޭޝްގައި ހުންނަ ރެޑް ކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްދިނުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަނަ ދުވަހު ބީއެމްއެލްގައި އެދިފައިވާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ބޭންކްގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އާންމުކޮށް އިއުލާންކޮށްފައިވަނިކޮށް އެ ފައިސާތައް ވީތަނެއް ނޭނގުނު ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ.

"9 ނޮވެމްބަރު 2017ގައި  ލިޔުމަކުން ބޭންކު އޮފް މޯލްޑިވްސްއަށް ލިޔުމަކުން އަންގާފައިވާނި އެ ފައިސާތައް ރޮހިއްޔާ ފަންޑަށް ޖަމާކުރުމަށް. އަޅުގަނޑުމެންނަށް މި ފައިސާ ވީތަނެއް ނޭގިގެން ހޯދާކަށެއް ނުޖެހޭނެ. ބޭންކުން އެ ދަނީ ފައިސާ ފޮނުވުމުގެ މަސައްކަތްތައް ކުރަމުން. އެކަން ނިންމުމަށް ބަންގްލަދޭޝްގައި ހުންނަ ރެޑްކްރަސެންޓާ ގުޅިގެން މަސައްކަތް ކުރިއަށް އެދަނީ." ޑރ.އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ހޯދާފައިވާ ފައިސާ ފޮނުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ހުރިހާ އިދާރީކަމެއް ނިމިފައިވާކަމަށާއި ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މިފައިސާ ރައްދުކޮށްދިނުމަށް މަސައްކަތްކުރަމުން ގެންދާކަމަށެވެ. އަދި މި ފައިސާ އޭގެ ހައްޤުވެރި ފަރާތްތަކަށް ރައްދުވިކަން ސަރުކާރުން ކަށަވަރު ކުރާނެކަމުގެ ޔަޤީންކަންވެސް އިސްލާމިކް މިނިސްޓަރ ޑރ ޑރ އަޙްމަދު ޒިޔާދު ވަނީ ދެއްވާފައެވެ.