ރާއްޖޭގެ އެކި ޞަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އަރިދަފުސް ރޯގާ އާއި ގައިންގަޔަށް އަރާ ބަލިތައް ފެތުރުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
އެގޮތުން ގައިންގަޔަށް އަރާ ބަލިތަށް ކަމަށްވާ ލޮލުރޯގާ، ފާނަ ބަސަންދު އަދި ފުޑް އެންޑް މައުތް ފަދަ ބައްޔެއް ޖެހިފައިވާނަމަ، ރަނގަޅުވަންދެން ކުޑަކުދިން ސްކޫލަށް ނުފޮނުވުމަށް އެއޭޖެންސީން އިލްތިމާސްކުރެއެވެ. މިކަމަށް އިލްތިމާސްކޮށް އެޗްޕީއޭއިން ނެރުނު ބަޔާނުގައިވަނީ އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އިރުޝާދު ދީފައެވެ. އަދި ބަލިވެ އުޅޭއިރު މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި ޚާއްސަކޮށް ކުޑަކުދިން އެފަދަ ތަންތަނަށް ނުގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި ކުދިން އުރާ ނުހެދުމަށްވެސް މިބަޔާނުގައިވެއެވެ. މިދުވަސްވަރު ކާބޯތަކެއްޗާއި ޢާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާޚާނާ ކުރުމަށް ފަހު އަދި ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށް ފަހު ސައިބޯނީ ލައިގެން އަތް ދޮވުމަށް އެއޭޖެންސީން އިލްތިމާސްކުރެއެވެ. އަދި ކުނިވާ ޒާތުގެ ކާނާ އާއި އުކާލާ އެހެނިހެން ބާވަތްތަކުގެ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށާއި ކާބޯތަކެތި ރޯފިލާވަރަށް ކެއްކުމާއި އެއަށްފަހު ބާކީވާ ބައި ފަހުން ބޭނުންކުރާނަމަ ރަނގަޅަށް ހޫނުކޮށްގެން ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މީގެ އިތުރުން މޭވާ އާއި ތަރުކާރީ ބޭނުންކުރާ އިރު ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށްވެސް އެއޭޖެންސީން އިލްތިމާސްކުރެއެވެ. ވިއްސާރަވުމުގެ ސަބަބުން ފެންހަރުލާ ފަދަ ތަކެތި ގޯތިތެރޭގައި ހުންނަ ނަމަ މަދިރި އާލާ ވުމުގެ ފުރުސަތު ނުދީ ނައްތާލުމަށް އިލްތިމާސްކޮށްފައިވާއިރު މަދިރިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ފަތިސް ގަޑިއާއި އިރު އޮއްސޭ ގަޑިއަކީ މަދިރި އެންމެ ގިނަ ވާ ވަގުތުތައްކަމަށާއި އެގަޑިތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކުރެއެވެ.