ވިޔަފާރި

ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ


ޤަތަރު އެއަރވޭސް އިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

ޤަތަރު އެއަރވޭސްއިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމިކަން ހާމަކޮށްފައިވަނީ، ޖަރުމަނުވިލާތުގެ ބާލިންގައި ބޭއްވި އައިޓީބީ ބަރލިންގ ފެއާގައެވެ.

މިކަމާއި ގުޅޭގޮތުން ޤަތަރު އެއަރވޭސް ގްރޫޕްގެ ޗީފް އެގްޒެކްޓިވް އަލް ބަކްރު ވިދާޅުވީ، މިއަހަރާއި އަންނަ އަހަރު ޤަތަރު އެއަރވޭސްއިން ދުނިޔޭގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މުޅިން އަލަށް 16 މަންޒިލަށް ދަތުރުތައް ފަށަން އެ އެއަލައިނުން ވަނީ ނިންމާފައެވެ.

ޤަތަރު އެއަރވޭސްއިން ޔޫރަޕްގެ ބައެއް ސިޓީތަކަށް ކުރާ ދަތުރުތަކުގައި ދުވާލަކަށް ދެ ފްލައިޓް އިތުރުކުރުމަށް ނިންމާފައިވީނަމަވެސް، ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކު 3 ފްލައިޓް ދަތުރުކުރުމަށް ނިންމާފައިވާކަމަށް ޤަތަރު އެއަރވޭސް ބުނެއެވެ.

ޤަތަރު އެއަރވޭސްއިން ބުނާގޮތުގައި ދިވެހިރާއްޖެއަކީ އެ އެއަރލައިނުން ދަތުރުތައް ބާއްވަމުން އަންނަ މަންޒިލް ތަކުގެތެރެއިން އެންމެ މުހިއްމު އެއް މަންޒިލެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެއަރލައިނުގެ ތެރޭގައި ހިމެނޭ ޤަތަރު އެއަރވޭސްއިން ވަނީ މިފަހަރުގެ ފިނިމޫސުމުގައި އޭ 350 މަރުކާގެ ބޯޓުގައި ދިވެހިރާއްޖެއަށް ފަސެންޖަރުން އުފުލަން ފަށާފައެވެ. މިއީ އެއަރބަސް މަރުކާގެ އެންމެބޮޑު ބޯޓު ފިޔަވައި ދެން އެންމެގިނަ އަދަދަކަށް ފަސެންޖަރުން އުފުލާ ބޯޓެވެ.