ތަރައްްޤީ

މާވަރުލު އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި


ގދ މާވަރުލު އެއަރޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް 57 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މާވަރުލު އެއަރޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

މާވަރުލު އެއަރޕޯޓްގެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީއާ ހަވާލުކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މާވަރުލު އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އެކުންފުންޏަކީ އެކަމަށް އެންމެ ޤާބިލް ކުންފުންޏަށްވާތީކަމަށެވެ.

ޒަމީރު ވިދާޅުވީ އެމްޓީސީސީން މިހާރުވެސް ބައެއް އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށާއި، އެހެންކަމާއިއެކުވެސް އެކުންފުނީގައި މާވަރުލު އެއަރޕޯޓްގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ޤާބިލްކަން ހުރިކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތް ވިދާޅުވީ، މާވަރުލު އެއަރޕޯޓްގެ މަސައްކަތަށް ބޭނުންވާ ސާމާނަށް މިހާރު އޯޑަރުދީފައިވާކަމަށާއި، އެމްޓީސީސީން ހަދަމުންދާ އަނެއް ދެ އެއަރޕޯޓާއިއެކު މާވަރުލު އެއަރޕޯޓްގެ މަސައްކަތްވެސް ނިންމޭނެކަމަށެވެ. މާވަރުލު އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 160 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިއަހަރުގެ ތެރޭގައި ހަތަރު އެއަރޕޯޓެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން އިޢުލާންކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ހދ.ކުޅުދުއްފުށި އެއަރޕޯޓާއި ށ .ފުނަދޫ އެއަރޕޯޓްގެ އިތުރުން ފ.ނިލަންދޫ އަދި ގދ.މާވަރުލު ހަދާ އެއަރޕޯޓެވެ. މި ހަތަރު އެއަރޕޯޓުގެ މަސައްކަތް އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ވިދާޅުވެފައެވެ.