ޚަބަރު

ނިލަންދޫ ސްކޫލްގައި އަޅާ އާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި


ގއ. ނިލަންދޫ ސްކޫލްގައި 4 ކްލާސްރޫމުގެ އިމާރާތް އެޅުމުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާޙިމް އިސްމާޢިލްއެވެ. ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ އަސްލަމް ހުސެއިންނެވެ.

ކްލާސްރޫމް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާޙިމް އިސްމާޢިލް ވިދާޅުވީ 2.38 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ހަވާލުކުރީ 89 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމަށެވެ. އަދި މި ކްލާސްރޫމް ތަކުގެ މަސައްކަތް ނިމި ޖުލައިމަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމަށެވެ. 

"މިމަޝްރޫޢަކީވެސް ސްކުލްތަކުގެ ޖާގައިގެން ދަތިތައް ހައްލުކުރުމަށާއި، މިސްކޫލަކި މަލްޓި ގްރޭޑް ޓީޗިން ކިޔަވައިދޭ ސްކޫލަކަށް ވުމާއެކު މި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމުގެ ގޮތުން  ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އިމާރާތުގެ މަސައްކަތް ގާތްގަނޑަކަށް 3 މަސްދުވަހުގެ ތެރޭގައި ނިމޭނެ." އިބްރާޙިމް އިސްމާޢިލް  ވިދާޅުވިއެވެ.



ސަރުކާރުން ގއ. ނިލަންދޫ ސްކޫލްގައި އަޅާ ޢިމާރާތުގައި 4 ކްލާސްރޫމްގެ އިތުރުން ސްޓާފްރޫމަކާއި ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ފާޚާނާތަކުގެ އިތުރަށް އޭވީ ރޫމަކާއި އޮފީސް ބައެއް ހިމެނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ނިލަންދޫ ސްކޫލަކީ 126 ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުންދާ ސްކޫލެކެވެ. ސްކޫލްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހުރިހާ މަޝްރޫޢުތައް ޖުލައި މަހު ނިންމާލެވޭނެކަމަށް އެޑިއުކެޝަން މިނިސްޓްރީން ބުނެއެވެ.