ދެއަހަރުދުވަހުގެ މުއްދަތަކަށް އެމްއޭސީއެލްއަށް ތެޔޮ ފޯރުކޯށްދިނުމަށް އެސްޓީއޯއިން އެއްބަސްވެއްޖެއެވެ.
އެސްޓީއޯ ހެޑް އޮފީހުގައި އޮތް ރަސްމިސްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢާދިލް މޫސާއެވެ. އަދި އެސްޓީއޯއިން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަހީރުއެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ދެއަހަރު ދުވަހުގެ މުއްދަތަށް މެދުކެނޑުމެއްނެތި އެމްއޭސީއެލްގެ ޑިމާންޑާއެއްވަރަށް ތެޔޮ ފޯރުކޮށްދޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ މިއަހަރުގެ އެއްބަސްވުމަކީ ގާތްގަޑަކަށް ދުއިސައްތަ މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްކަމަށެވެ. ޝަހީރުވަނީ ކުރިއަށް އޮތް ދުވަސްތަކަށް އެއަރޕޯޓަށް ބޭނުންވާ ތެޔޮ ތަވާލުތަކާ އެއްގޮތަށް ފޮރުކޮށްދޭނެކަމުގެ ޔަޤީންކަން އެމްއޭސީއެލްއަށް ދީފައެވެ.
"އިރާދަކުރެއްވިއްޔާ ފެއިލް ނުވެ ބޭރުން އަންނަ ފްލައިޓްތަކަށާއި، ރާއްޖޭގެ ފްލައިޓްތަކަށް ދޭންޖެހޭ ޚިދުމަތްތަކަށް ، އަޅުގަނޑުމެންގެ ފަރާތުން ކޮށްދޭންޖެހޭ ހުރިހާކަމެއް ކޮށްދޭނަށް. އެސްޓީއޯއިން ރާއްޖެގެނެސްފައިވާ ތެޔޮ ޓޭންކަރ އެއަރޕޯޓްގައި މިހާރުވާނީ އެކޮމަޑޭޓްކޮށްނިންމާފައި." އަޙްމަދު ޝަހީރު ވިދާޅުވިއެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޢާދިލް މުސާ ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އެސްޓީއޯއިން އެއަރޕޯޓުގެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫ ނާރާގޮތަށް ތެޔޮ ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. ޢާދިލް ވިދާޅުވީ ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށްޓަކައި އެއަރޕޯޓްތެރޭގައި ފިއުލް ފާރމެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށާ އޭގެ ސަބަބުން މިހާރަށްވުރެ ރަނގަޅަށް މިކަން މެނޭޖްކުރެވޭނެކަމަށެވެ.
"މިއަހަރު އަޅުގަނޑުމެންނަށް މި ލިބުނީ ކުރީއަހަރރުތަކަށްވުރެ ރަނގަޅު އަގެއް. މި އެއްބަސްވުމާއެކު އެއަރލައިންތަކަށް ފައިދާކުރާނެ. މިހާރު މިގެންނަ ކުޑަ ކުއަންޓިޓީ ހުރީ 15000 މެޓްރިޓް ޓަނުގެ ކެޕޭސިޓީއެއް. އެހެންނަމަވެސް އައު ފިއުލް ފާރމް ތަރައްޤީކޯށްކުރިއަށް ގެންދަނީ 45000 މެޓްރިޓް ޓަނަށް . 3 ގުނަ ބޮޑު ކެޕޭސިޓީއެއް ޤާއިމްކުރެވިއްޖެނަމަ އެ ސްޓޯރޭޖުން ފައިދާ ލިބޭނެ." ޢާދިލް މުސާ ވިދާޅުވިއެވެ.
ފާއިތުވެ ދިޔަ ހަ އަރުގައި އެސްޓީއޯއިން ވަނީ އެއަޕޯޓަށް ތެޔޮފޯރުކޮށްދީފައެވެ. އަދި މިއަހަރުގެ އެއްބަސްވުމަކީ އެހެން އަހަރުތަކާ ޚިލާފަށް އަގުހެޔޮކޮށް އެއަރޕޯޓަށް ތެޔޮ ވިއްކަން އެއްބަސްވި އަހަރެއްކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ.