ޚަބަރު

ރާއްޖެއިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ދުނިޔެ ބަލައިގަނޭ


ޓެރަރިޒަމާއި ދީނީގޮތުން ހައްދުފަހަނައަޅައިދިއުން ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތް ބައިނަލްއަޤްވާމީ މުޖްތަމަޢުން ބަލައިގަނެފައިވާކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ސަފީރު މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ ގުޅިގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ނަމަވެސް ރާއްޖެއިން މިފަދަ ކަންކަމަށް އެހީތެރިވަމުންދާކަމަށް ބުނެ ކުރީގެ ރައީސް ނަޝީދު ހަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރަމުން އަންނަކަން ސަފީރު ވަނީ ފާހަކަ ކުރައްވާފައެވެ.

ސަފީރު ވިދާޅުވީ، ރާއްޖެއަކީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ކިއްލާއެއްކަމަށް ބުނެ ނަޝީދު ހަޤީޤަތާއި ޚިލާފު ފަތުރަނީ އެފަދަ ވާހަކަތައް އަޑު އަހަން ބޭނުންވާ ވަކި ބަޔަކު ރުއްސުމަށް ކަމަށެވެ. ނަމަވެސް ރާއްޖެއަކީ ޓެރަރިޒަމްގެ ބިރުވެރިކަމުން ސަލާމަތްވެފައިވާ ތަނެއްކަން، ރާއްޖޭގެ އަމާން މާހައުލުން ސާބިތުކޮށްދޭކަމަށް ސަފީރު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މީޑިއާތައް ބައިވެރިވި މި ޕްރެސް ކޮންފަރެންސްގައި ސަފީރު ވަނީ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައިގެން، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް ރާއްޖޭގައި ޤާއިމްކުރެވި، ކާމިޔާބު މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި އެސެންޓަރުގެ މަސައްކަތް އިންޓަނޭޝަނަލް ސެކިއުރިޓީ އެޖެންސީތަކުންވެސް ބަލައިގެންފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.